ހުޅުމާލޭގައި ގާއިމުކުރި ޑަޔަލިސިސް ސެންޓަރު ހުޅުވައިފި އެވެ.

ހުޅުމާލޭގައި ގާއިމުކުރި 30 އެނދުގެ މި ޑަޔަލިސިސް ސެންޓަރު ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

ޑަޔަލިސިސް ސެންޓަރު ގާއިމުކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާ ބިލްޑިންގަ އެވެ. އެ ސެންޓަރު ބިނާކުރުމުގެ މަސައްކަތް ފެށީ ހުޅުމާލެ ހޮސްޕިޓަލުގައި ދެމުންދާ ޑަޔަލިސިސްގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރު އެވެ.

މީގެ ކުރިން ޑަޔަލިސިސްގެ ހިދުމަތް ދެމުން ދިޔައީ ހުޅުމާލެ ހޮސްޕިޓަލުގައި ހުރި 10 އެނދުގެ ޑިޕާޓްމެންޓަކުންނެވެ.

ޑަޔަލިސިސްގެ ހިދުމަތަކީ ކިޑްނީ ފެއިލްވެފައިވާ މީހުންނަށް ގަވާއިދުން ދޭން ޖެހޭ ފަރުވާ އެކެވެ. އެ ފަރުވާ ދިނުން ލަސްވެއްޖެ ނަމަ އެކި ކަހަލަ ސިއްހީ މައްސަލަތައް ދިމާވެ ފުރާނައަށް ވެސް ނުރައްކާވާ ހާލަތްތައް މެދުވެރިވެ އެވެ.

ހުޅުމާލެ ޑަޔަލިސިސް ސެންޓަރު ހުޅުވުމާއެކު ދުވާލަކު 150 އެއްހައި މީހުންނަށް މަދުވެގެން ޑަޔަލިސިސްގެ ހިދުމަތް ދެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި އެވެ. އަދި މިއަދުން ފެށިގެން ހުޅުމާލޭގައި އަދި މާލެ ސިޓީގައި ޑަޔަލިސިސް ހިދުމަތް ބޭނުންވެގެން އެއްވެސް ބޭފުޅަކު ކިއުގައި މަޑުކުރާކަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި މިއަދު ހުޅުވި ޑަޔަލިސިސް ސެންޓަރު ހިންގާނީ ހުޅުމާލެ ހޮސްޕިޓަލުގެ ދަށުންނެވެ.