އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ބޭރު ގޭޓުގެ ތޭރި ތަކުގެ ތެރެއިން ފިރުކޭ އުމުރުގެ ކުޑަ ކުއްޖަކު ގަނޑުވަރުގެ ގޯތި ތެރެއަށް ވަދެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ވައިޓް ހައުސްގެ އުތުުރު ފަރާތުން އެ ކުޑަ ކުއްޖާ ގަނޑުވަރުގެ ގޯތި ތެރެއަށް ވަދެފައިވަނީ މައިންބަފައިން ފެންނަން ނެތް ވަގުތެއްގަ އެވެ.

ކުއްޖާ ގަނޑުވަރުގެ ތެރޭގައި އުޅެނިކޮށް ސެކިއުރިޓީ އޮފިޝަލުންނަށް ފެނުމުން ގާޑުން ވަނީ ރައްކާތެރިކަމާއެކު އެ ކުއްޖާ އޭނާގެ މައިންބަފައިންނާ ހަވާލު ކޮށްފަ އެވެ.

މިއާއެކު އެ ކުޑަކުއްޖާ ވެފައިވަނީ ވައިޓް ހައުސްއަށް ހުއްދައަކާނުލާ ވަތް އެންމެ ހަގު އެއް ކުއްޖާ އެވެ. ވައިޓް ހައުސްއަށް އެކި ބޭނުންތަކުގައި މީހުން ވަންނަން މަސައްކަތް ކުރެ އެވެ.

ވައިޓް ހައުސްގެ ވަށައިގެން ލެވިފައިވާ ފެންސްގެ ތޭރިތަކުގެ ދެމެދުގައި ހުންނަނީ ގާތްގަނޑަކަށް 5 އިންޗީގެ ދުރުމިނެވެ. އެ ތަނުން މީހަކަށް ވަނުމަކީ ނާދިރު ކަމެކެވެ.

ވައިޓް ހައުސްއަކީ ގައުމެއްގެ ރިޔާސީ ގަނޑުވަރަށްވާއިރު ކާމިޔާބު ކަމާއެކު ކުޑަ ކުއްޖަކު އެ ގަނޑުވަރުގެ ގޯތި ތެރެއަށް ވަނުމަކީ އެ ތަނުގެ ސެކިއުރިޓީއާމެދު ސުވާލު އުފެދޭ ކަމަށް ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.