ގދ. ފަރެސްމާތޮޑާ ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާ މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
އެމައްސަލަ މަޖިލީހުން ބޭރުކޮށްލީ 32 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
މެމްބަރު ހުސައިން މުހައްމަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމަށް ކަނޑުގެ ވަރަށް ދުރު ސަރަހައްދަކުން ވެލި ނަގައިގެން އެޕްރޮޖެކްޓުގައި ބޭނުން ކުރުމަށްފަހު ބާކީ ހުރި ވެލިން 45000 ކޮޑި މީޓަރުގެ ވެލި ފުވައްމުލައް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ފުވައްމުލަކަށް ގެންދާ ކަމަށެވެ.
ފުވައްމުލަކަށް ވެލި ގެންދިއުމަށް ފަރެސްމާތޮޑާގެ އެއްވެސް ހިސާބެއް ކޮނެގެން ވެލި ނެގުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޮތޯރިޓީން ހުއްދަ ދީފައިނުވާއިރު، މިގޮތަށް ވެލި ގެންދިއުމަކީ ގަވާއިދާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށް ވެސް އެމައްސަލާގައި ބުނެފައިވެ އެވެ. އަދި ފުވައްމުލަކަށް ވެލި ގެންދިއުމަށް ފަރެސްމާތޮޑާ އާ ގުޅިފައިވާ އެއްވެސް ސަރަހައްދަކުން ކޮނެގެން ވެލި ނެގުމަށް އީޕީއޭ އިން ހުއްދަ ދީފައި ނުވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
ކުއްލި މައްސަލައިގައި ވަނީ މިގޮތަށް ވެލި ގެންދިއުމަކީ ގަވައިދާ ހިލާފަށް ކުރަމުންދާ ކަމަކަށް ވާތީ މިހާރުން މިހާރަށް ފަރެސްމާތޮޑާ ސަރަހައްދުން ކޮނެގެން ވެލި ނަގާ ވެލި ބޭރު ކުރުން ހުއްޓާލުމަށް ގޮވާލައިފަ އެވެ.
މީގެ އިތުރުން، ފަރެސްމާތޮޑާގެ ދެކުނު ފަރާތް ނެގުމަށްޓަކައި ފަސް ނެގުމަށް އެތެރެވަރީގެ ދެ ތިލައެއް ޕްރޮޖެކްޓުގެ ސާވޭގައި ހިމަނާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ފަރެސްމާތޮޑާ ފުޓުބޯޅަ ދަނޑު ހެދުމަށް ބޭނުންވާވެލި އެއާޕޯޓު މަޝްރޫއިން ގެންދިއުމަށް ޔޫތު މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީ އާ ދެމެދު މަޝްވަރާކުރެވި އެހެން ނަމަވެސް ވެލި ނުލިބުމުގެ ސަބަބަުން ފަރެސްމާތޮޑާ ފުޓުބޯޅަދަނޑުގެ މަސައްކަތް ނުފެށިފައިވާ ކަމަށް ވެސް ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.
ފަރެސްމާތޮޑާއިން ވެލި ގެންދާ މައްސަލާގައި އެރަށު ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފަޅުކޮށްފަ އެވެ. ކައުންސިލުން ބުނީ ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިންގާ މަޝްރޫއަށް ބޭނުންވާ ވެލި ފަރެސްމާތޮޑާ އިން ގެންދަން އީޕީއޭ އިން ހުއްދަ ނުވާ ކަމަށާ އެއީ ގަވައިދާ ހިލާފަށް ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.