މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިޖުތިމާއީ ޒިންމާގެ ދަށުން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއާ ގުޅިގެން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

އޯޓިޒަމްއާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަހުގެ ގޮތުގައި އޭޕްރީލް ފާހަގަކުރަމުން އަންނައިރު، ފައިސާ ހޯދުމުގެ ހަރަކާތެއްގެ އިތުރުން، އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންނަށް އެއާޕޯޓުގެ މަސައްކަތްތައް ދައްކާލުމަށް ޓުއާއެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ މަސައްކަތްތައް ދައްކާލުމަށް ބޭއްވި ހަރަކާތުގައި އޯޓިޒަމް އެސޯސިއޭޝަންގެ 14 ދަރިވަރުން، ތިން ޓީޗަރުންނާ އެކު ބައިވެރިވި ކަމަށެވެ. އެ ހަރަކާތުގެ ތެރެއިން އެއާޕޯޓުގެ ރޭމްޕް އޮޕަރޭޝަން ކުރިއަށްދާ ގޮތް ދައްކާލި އެވެ. އަދި ފްލައިޓް ހޭންޑްލިންގެ މަސައްކަތްތައް ވެސް ދައްކާލުން ކުރިޔަށް ގެންދިޔަ އެވެ. އޭގެ އިތުރުން އެއާޕޯޓުގެ އިމަޖެންސީ ސާވިސަސްގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ކުދިންނަށް ދައްކާލި އެވެ.

އެ ކުންފުނިން ބުނީ ފަޔާ އެންޑް ރެސްކިއު ޓީމާ އެކު ފަޔާ ވެހިކަލްތައް ބަލާލައި އެ ތަކެތި މަސައްކަތް ކުރާ ގޮތް ދައްކާލި ކަމަށެވެ. އަދި އެމްއޭސީއެލް އިން ވަނީ، އޯޓިޒަމް އެސޯސިއޭޝަނުން ތައްޔާރުކުރާ އެކި އެއްޗެހި އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ވިއްކުމުގެ ފުރުސަތު މި މަހުގެ ކުރީކޮޅު ދީފަ އެވެ.

އެ ޖަމިއްޔާގެ ހަރަކާތްތަކަށް ފައިސާ ހޯދުމަށް ހިންގި މި ހަރަކާތް ވެސް ކާމިޔާބު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.