ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ޗާގޯސްއަށް ލިބުމުގައި އިހުމާލުވި ފަރާތްތައް ޒިންމާކުރުވަން ޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މުނައްވަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނަކުން ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުމަކީ ނުވަތަ އުނިވުމަކީ ލިބޭ ކާމިޔާބެއް ނޫން ކަމަށެވެ. އަދި އެއީ ހިތާމައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިކަމުގައި އިހުމާލުވި ފަރާތްތައް ޒިއްމާ ކުރުވަން ޖެހޭނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

ޑރ. މުނައްވަރަކީ ޗާގޯސްގެ މައްސަލައިގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ،

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ވަނީ ރާއްޖެއަށް ބޮޑުބައެއް ލިބޭ ގޮތަށް ނިންމާފަ އެވެ.

އެގޮތުން އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށް ނިންމާފަ އެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.

އުތުރު ޗާގޯސްގެ އައުޓާ ކޮންޓިނެންޓަލް ޝެލްޕް މޮރިޝަސްއަށް ހައްގުވާ ކަމަށް ސާބިތުކޮށްދީފައި ނުވާތީ، މޮރިޝަސްއިން އެދިފައިވާ ގޮތަށް، ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވާ އައުޓާ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓުނުކުރުމަށް ވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޗާގޯސް މައްސަލައާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމަށް ތައުރީފްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެއީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށާއި އަދި ސަރުކާރަށް ލިބުނު ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.