ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު ގެނައީ މި ދާއިރާއަށް ވަންނަ ދިވެހިން އިތުރު ކުރަން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ސިއްހީ ހިދުމަތްދޭ މުވައްޒަފުންގެ މުސާރައަށް އައި ބަދަލާ ގުޅެގޮތުން މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މުސާރަ ބޮޑުކުރީ ސަރުކާރުން ކުރަންޖެހޭ ދިރާސާތައް ކުރުމަށްފަހު ކަމަށެވެ.

މި ބަދަލާ އެކު ސިއްހީ ދާއިރާ އިތުރަށް ކުރިއަރާ ދާނެ ކަމަށް ނަސީމް ވިދާޅުވި އެވެ. ނަސީމް ވިދާޅުވީ މިކަމުގެ ސަބަބުން މި ދާއިރާއަށް ވަންނަ ދިވެހިންގެ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށެވެ.

ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިސަލް ވިދާޅުވީ މި ބަދަލާއެކު އެލައިޑް ހެލްތުގެ ފަންނުތަކަށް މުސާރައިގެ އެކަށީގެންވާ ކުރިއެރުމެއް ގެންނަވާފައިވާނެ ކަމަށެވެ. އަދި ހުރިހާ ފަންނުތަކުގެ މުވައްޒަފުން ވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ޙާސިލުކުރުމަށް ބާރުއެޅުމުގެ ގޮތުން ފުރަތަމަ ޑިގްރީއަށް މުސާރައިގެ ފަރަގުތަކެއް ހުންނާނެކަމަށާއި ސިއްހީ ދާއިރާގެ ފަންނުތަކުގެ ތެރެއިން މިހާތަނަށް ދިވެހިން ބިނާކުރުމަށް ދަތިކަމަށް ފާހަގަކުރެވޭ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ލިބޭނެ ކަމަށެވެ.

ކެންސަރު ފަދަ ޚާއްޞަ ފަރުވާތަކަށް ހައްސަ ފަންނުވެރިން ބޭނުންވާތީ އެ ފަންނުތަކަށް ވެސް އެކަށީގެންވާ ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާ ނެތް ކަމަށާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ހޮސްޕިޓަލްތަކަށް ޞިއްޙީ ދާއިރާގެ ފަންނުވެރިން ހޯދުމުގައި ކުރިމަތިވާ ދަތިތައް ޙައްލު ކުރުމަށް ވެސް މި ޕޭ ޕްރޭމްވޯކްގައި މުސާރަ ކަނޑައެޅުމުގައި އިސްކަންދީ ފައި ވާނެކަން ފައިސަލް ވިދާޅުވި އެވެ.

"މީގެ ބޭނުމަކީ ވެސް ރަނގަޅު މުސާރައެއް ދީގެން މި ދާއިރާއަށް ޒުވާނުން ވަނުން ހާއްސަކޮށް މި ދާއިރާތަކަށް ދިވެހިން އިތުރުކޮށް ކުރިއަށްދާން ފުރުސަތު ދިނުން، ހުސް މަގާމުތަކެއް ނޫން މަގާމު ޖެހޭނީ އުފައްދައިގެން އަންނަ މީހުންނަށް ކޭޓަ ކުރެވޭނެ ގޮތަކަށް ހަދަން" ފައިސަލް ވިދާޅުވި އެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ ޖުމްލަ 3710 މުވައްޒަފުންގެ މުސާރައަށް މި ބަދަލާއެކު ހެޔޮ ބަދަލުތަކެއް އަންނަ އިރު އެ ބަދަލުތައް އަންނާނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށެވެ.