ސިއްހީ ހިދުމަތްދޭ މުވައްޒަފުންގެ މުސާރަ ބޮޑުކުރި ނަމަވެސް އެހެން ކްލިނިކްތަކުގައި ހިދުމަތް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ސިއްހީ ހިދުމަތްދޭ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މިކަމުގައި ވަހަކަ ދައްކާ ނެގޯޝިއޭޓް ކުރުމުގެ ޖާގަ އޮންނާނެ ކަމަށެވެ. މި ބަދަލާ އެކު ކަންތައްވާ ގޮތެއް ބަލާފައި މިކަމާ ދޭތެރޭގައި އިތުރަށް މަޝްވަރާ ކުރަން ޖެހޭ ނަމަ މަޝްވަރާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޑޮކްޓަރުން ނޮން އެތިކަލް މަސައްކަތްތަކެއް ކޮށްފާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ނެގޯޝިއޭޓްކޮށް ވާހަކަ ދައްކާނެ ޖާގަ އޮންނާނެ މި ބަދަލު އައީމާ. މިއިން ދާގޮތެއް ބަލާފައި މިކަމާ ތޭދެރޭ މަޝްވަރާ ކުރަން ޖެހޭނީ. އަޅުގަނޑުމެން ބަލައިގެން ނުުވާނެ އެއްގޮތަކަށް ވެސް ޑޮކްޓަރުން ނޮން އެތިކަލްކޮށް މަސައްކަތް ކުރާނެ ކަމަކަށް. ކަންތައްތައް ދާހިސާބަށް ބަލާފައި މަޝްވަރާ ކުރާނެ މިކަމުގައި،" ނަސީމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ އާ ޕޭ ފްރޭމްއަކަށް ބަދަލުވުމުން ކޮންމެ ދެ އަހަރަކުން މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށެވެ. މީގެ ބޭނުމަކީ މިކަމަށް އެންކަރޭޖް ކުރުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ޑޮކްޓަރުންތެރޭ ވަކި ރޭންކަކުން ފެށީގެން މަތީގެ މުވައްޒަފުން އޮންނަނީ އެ ހޮސްޕިޓަލަކަށް ހާއްސަކޮށް ހިދުމަތްދޭން ކަމަށެވެ. ވާހަކަ ދައްކައިގެން އިތުރު ހިދުމަތް ދެވިދާނެ ކަމަށާއި އިތުރު ހިދުމަތް ދިނުމުގެ ބޭނުމަކީ ވެސް ރަނގަޅަށް ރެގިއުލޭޓް ކުރުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މީގެ ވިސްނުމަކީ ހަމަ އެންކަރޭޖް ކުރުން އަދި މަޖުބޫރު ކޮށްފައިއެއްނޫން ޑޮކްޓަރުން ތެރޭ. ހަމަ ވަކި ރޭންކަކުން ފެށިގެން މަތި ކަނޑައަޅާފައި މި އޮންނަނީ ވެސް އެ ރޭންކުގެ މުވައްޒަފުންގެ ތެރެއިން އެ ހޮސްޕިޓަލަކަށް ހާއްސަކޮށް ހިދުމަތްދޭން ހަދާ އެގްރީމެންޓެއްގެ ވާހަކަ މި އޮންނަނީ. އެއަށް ބަލާފައި ހަމަ ނެގޯޝިއޭޓް ކޮށްގެން އިތުރު ހިދުމަތް ދެވިދާނެ. އެކަން އެންފޯސް ކުރުމަކީ އެ ހޮސްޕިޓަލެއްގައި ވެސް ޒިންމާ ހަމަ" ފައިސަލް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުން އިތުރު ތަނެއްގައި މަސައްކަތް ނުކުރަން އެއްބަސްވެ، ވަޒީފާ އަދާކުރަމުން އަންނަ ހޮސްޕިޓަލަށް އެކަނި ހިދުމަތްކުރާ ނަމަ ހާއްސަ އެލަވަންސެެއް ދޭން ވަނީ ނިންމައިފަ އެވެ.