ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި ޖުމްހޫރީ ޕާޓިގެ ޓިކެޓް ވެސް ގާސިމަށް ދެއްވުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަނީ އެކަންޏެވެ. އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދާކަށް އަދި ނިންމާފައެއް ނުވެ އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ކޯލިޝަން ހެދުމަށް ދަނީ މަޝްވަރާތައް ކުރަމުންނެވެ.

މީގެ އިތުރުން ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބަށް ނުނިކުންނަވާނެ ކަމަށާއި އެހެން ކެންޑިޑޭޓަކަށް ތާއީދުކުރެއްވީ ކަމަށް ބުނެ ދަނީ އަޑުފެތުރެމުންނެވެ.

އެހެން ނަމަވެސް ޖުމްހޫރީ ޕާޓީން އެކަން ދޮގުކުރެ އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަލީ ޝަހު ވިދާޅުވީ ގާސިމް އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ވާހަކަ ތަކެއް ކަމަށް ޝާހު ވިދާޅުވި އެވެ.

"ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެއްދުމަށްޓަކައި ގާސިމް އުއބްރާހީމް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއަކަށް ތާއީދުކޮށްފާނެ ކަމަށާއި، ރިޔާސީ ރޭހުގައި ވާދަނުކުރައްވާނެކަމަށް ފަތުރާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް،" ޝާހު ވިދާޅުވި އެވެ.

ގާސިމް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވިއިރު މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނަށް ތާއިދު ކޮށްދެއްވުމަށް އެދި ހުރިހާ ޕާޓީއަކަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ.

އެހެން ނަމަވެސް ގާސިމް ނިންމަވާފައި ވަނީ އެހެން ޕާޓީއަކާއެކު ކޯލިޝަން ނުހަދާ އިނތިހާބުގައި ވަކިން ވާދަކުރާށެވެ. އެކަމަކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ދަނީ ކުރަމުުންނެވެ.

ޖުމްހޫރީ ޕާޓީއާ ރައީސް ނަޝީދު ގުޅިގެން މިހާރު ވަނީ މެނިފެސްޓޯ އެކުލަވާލުމަށް މަޝްވަރާތައް ފަށައިފަ އެވެ. އަދި އިންތިހާބުގައި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ޓައިމްލައިނެއް އެކުލަވާލުމަށް ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.