މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދަލުތަކެއް ގެންނަވައިފި އެވެ. މިކަން އަންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 3/2023 ދެންނެވުމުގަ އެވެ.

އެގޮތުން ރައީސް ވަނީ މާލެ ސަރަޙައްދުގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، "ވިލިނގިލީ އިޖުތިމާއީ ހިދުމަތްދޭ މަރުކަޒު" ގެ ނަމުގައި މަރުކަޒެއް މިއަދު އުފައްދަވާފަ އެވެ. ވިލިނގިލީ އިޖުތިމާއީ ހިދުމަތްދޭ މަރުކަޒުގެ މައިގަނޑު މަސައްކަތްތަކަކީ، މާލެ ސަރަޙައްދުން ވަގުތީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމާއި، ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުމެވެ.

އަދި އެމަނިކުފާނު ވަނީ "އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް" މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް މިއަދުން ފެށިގެން އިތުރުކުރައްވާފަ އެވެ. އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރެއްވީ، މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށާއި، އިސްރަށްވެހިންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި، އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމަށާއި، އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މަރުކަޒުތައް ޤާއިމުކުރުމަށެވެ

ހަމަ އެއާއެކު އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދިޔަ "ކުޑަކުދިންގެ ހިޔާ" އާއި "އަމާން ހިޔާ" އާއި "ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު" ން ކުރަމުން ދިޔަ މަސައްކަތްތައް ކުރުމަށް އެހެނިހެން އިންތިޒާމުތައް ހަމަޖައްސަވައިފައިވާތީ، އެ ތަންތަން މިއަދުން ފެށިގެން އުވާލައްވާފަ އެވެ.

މި ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންކަމުގައި މި ދެންނެވުމުގައި ބަޔާންކޮށްފައިވެ އެވެ.

މި ބަދަލުތައް ގެނައުމުގެ ސަބަބުން ދެންއަންނާނެ ބަދަލުތަކާ މި ބަދަލު ގެންނެވުމުގެ ބޭނުމާއި އެކަމުން ރައްޔިތުންނަށް ވާނެ ފައިދާތައް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެ އެވެ.