ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތް ކުރިއަށްދާ ގޮތުގެ ކަންބޮޑުވުންތައް ބޭރުގެ ސަފީރުންނާ އިދިކޮޅުން ހިއްސާ ކުރުމަށް ނިންމައިފި އެވެ.

މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕްގެ ދެ ބޭފުޅަކު މިއަދު ސްރީލަންކާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ލަންކާއަށް މިއަދު ވަޑައިގަންނަވަނީ ޕީއެންސީގެ ނައިބް ރައީސް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

ޕީޕީއެމް އިން ބުނީ މި ދެ ބޭފުޅުން މިއަދު ލަންކާގެ ވެރިރަށް ކޮލޮމްބޯއަށް ވަޑައިގެން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވާ ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތުގެ ކަންބޮޑުވުން ހިއްސާ ކުރައްވާނެ ކަމަށެވެ.

ދެ ބޭފުޅުންގެ މިދަތުރުފުޅުގައި ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ އަދިވެސް ތާވަލް ނުކުރާތީ އާއި ދަށު ކޯޓުގައި ހުރި މައްސަލަތައް ފަތުއަޑު ކިޔާފައި ކުރިއަށް ގެންދާތީ މިކަންކަމުގެ ސަބަބުން ރައީސް ޔާމީނަށް ގާނޫނުތަކުން ލިބެންޖެހޭ އެތަކެއް ހައްގުތަކެއް ގެއްލިގެންދާތީ މިކަަންކަމުގައި ހުރި މައްސަލަތައް ބޭރުގެ ޑިޕްލޮމެޓުންނާ ހިއްސާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީނާ ދޭތެރޭ ޒާތީ ވެފައިވާ މިންވަރު ހާމަވާތީއާއި އެކަމަކީ ރައީސް ޔާމީންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާ ކަމަކަށްވާތީ އެކަމުގެ މައުލޫމާތުވެސް ހިއްސާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ރައީސް ޔާމީނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށްވާއިރު ކެމްޕޭން ކުރުމުގެ ހައްގުތަކުން އެމަނިކުފާނު މަހްރޫމްކޮށް ސިޔާސީ ބޭނުމަކަށް ރައީސް ޔާމީން ޖަލަށް ލައިގެން މިސަރުކާރުން ގަސްދުގައި އަނިޔާދެމުންދާ މައްސަލައިގައިވެސް ބޭރުގެ ޑިޕްލޮމެޓުންނާ މައުލޫމާތު ހިއްސާކުރައްވާނެ ކަމުގައި ޕީޕީއެމް އިން ބުނެ އެވެ.

ރައީސް ޔާމީންގެ މިނިވަންކުރުމާ ގުޅޭގޮތުން މީގެ ކުރިންވެސް އިދިކޮޅުންވަނީ ބޭރުގެ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. އަދި ރާއްޖޭގެ އެކިއެކި މުއައްސަސާތަކަށްވެސް މިކަމުގެ ޝަކުވާތައް ހުށައަޅާފަ އެވެ.