ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ކަންކުރިގޮތުން މި ސަރަހައްދުގައި ސުލްހަ ގާއިމްނުކުރެވޭނެ ކަމަށާއި މިއީ އިތުރު ހަނގުރާމައަކާ ކައިރި ވެވުން ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ޗާގޯސް މައްސަލާގައި ކުރީގެ ބަންޑާރަނައިބުންނާއި ވަޒީރުންނާއި ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގަސްތުގައި މި ސަރުކާރުން ދޫކޮށްލީ ކަމަށާއި އެއްވެސް އިރެއްގައި ރާއްޖެ ދިފާއު ކުރުމަށް ސަރުކަރުން އެއްވެސް ވާހަކައެއް ދައްކާފައި ނެތް ކަމަށެވެ.
މިހާރު ޗާގޯސް އޮތީ ކޮންބައެއްގެ އަތް ދަށުގައި ކަމެއް ނޭނގޭ ކަމަށާއި އެހެން ނަމަވެސް ވެދާނެ ގޮތަކީ މޮރިޝަސްއިން އެމީހުންގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އިންޑިއާއާ ހަވާލުކުރުން ކަމަށެވެ. އިންޑިއާގެ ދިފާއީ ވަޒީރު މިހާރު ރައްޖެއަށް ކުރައްވަމުން އެގެންދަވާ ދަތުރުފުޅަކީވެސް އެއީ ކަމަށް ވެދަނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. މުނައްވަރު ވިދާޅުވީ މި ސަރަހައްދުގައި ދެން ސުލްހަ ގާއިމް ކުރެވޭނީ ނޫން ކަމަށާ މިއީ އިތުރު ހަނގުރާމައަކާ ކައިރި ވެވުނީ ކަމަށެވެ.
"މިތަން އޮތީ ކޮންބައެއްގެ އަތްދަށުގަ ކަމެއް ނޭނގެ. އަތްދަށުގައި އޮތް ބައެއްގެ ބާރު ހިނގާނީ ވެދާނެ ގޮތަކީ އަޅުގަނޑުމެން ރަހުމަތްތެރި އިންޑިއާ ދިފާއީ ވަޒީރު ވަޑައިގަތީ އެބޭނުމުގައި ކަމަށް. އެއީ މޮރިޝަސްއަކީ އެމީހުންނާ ވަރަށް ގުޅުން ގާތް ބަޔަކަށްވާތީ. މޮރިޝަސްއިން އެމީހުންގެ ޒޯން ބެލެހެއްޓުން އިންޑިއާއާ ހަވާލުކޮށްފާނެ. ސުލްހަ ގާއިމް ކުރެވެނީއެއްނޫން އިތުރު ހަނގުރާމައަށް ކައިރިވެވެނީ" މުނައްވަރު ވިދާލުވި އެވެ.
ދައުލަތުން އެތައް ފައިސާއެއް ހަރަދުކޮށްގެން ގައުމުތަކުގައި އެމްބަސީ ހަދައިގެން ހައިކޮމިޝަން ހަދައިގެން ގުޅިގެން އެތައް މިލިއަނެއް ހަރަދުކޮށްގެން އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަން ދިވެއްސަކަށް ހޯދައިދީގެން ލިބުނު ނަތީޖާ އަކީ މިއީތޯ މުނައްވަރު ވިދާޅުވި އެވެ.
ރާއްޖޭގެ ސަރަހައްދު ކަނޑަނާޅަޔޭ މިސަރުކަރުން ބުނާ ވާހަކަ އެއީ ބުހުތަނު ދޮގެއް ކަމަށް މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑަނާޅަޔޭ ބުނާނެ ޖާގައެއް ނޯންނާނެ ކަމަށާއި ގާނޫނުގެ ދަށުން ރާއްޖޭގެ ގާނޫނީ ކަނޑުގެ ސަރަހައްދު ކަނޑައަޅާފައި ކަމަށެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ކަނޑުގެ ސަރަހައްދާ ރާއްޖޭގެ ގުޅިފައިވާ ކަނޑުގެ ސަރަހައްދާ ރާއްޖެއަށް ހާއްސަ ކުރެވިފައިވާ އިގްތިސާދީ ހާއްސަ ސަރަހައްދު އޮންނާނީ އޭނާގެ ބަންޑާރަ ނައިބުކަމުގެ ދަށުގައި ކަނޑައަޅާފައި ކަމަށެވެ. އެހެންވީމަ ސަރަހައްދެއް ކަނޑައެޅިފައި ނެތޭ އަލުން ކަނޑައެޅުނިއްޔާ އެއީ ހަމަ ބުހުތާނު ދޮގު ކަމަށް މުނައްވަރު ވިދާޅުވި އެވެ.