ޗާގޯސް މައްސަލައާ ގުޅިގެން ޑރ. މުހައްމަދު މުނައްވަރު އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަތަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފާޑުވިދާޅުވެއްޖެ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް މުނައްވަރު ދެކެވަޑައިގަންނަވާތޯ ސުވާލު ކުރެއްވުމުން މުނައްވަރު ވިދާޅުވެފައިވަނީ އެއްވެސް އިރެއްގައި ޗާގޮސްއަކީ ރާއްޖޭގެ ބައެއްކަމަށް ފަހުގެ ދިވެހި ސަރުކާރުތަކުން ދައުވާނުކުރާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު ލިބުމުގައި ޗާގޯސް ރާއްޖޭގެ ބަޔަކަށްވުން މުހިއްމުނުވާ ކަމަށެވެ.

މިކަމާ ގުޅިގެން އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ޑރ.މުނައްވަރަށް ވިދާޅުވާން ކެރިވަޑައިނުގަތުމުން މިހުރިހާ ދުވަހު ވިދާޅުވީ ނަތީޖާއެއް ނެތް ހުސް ވާހަކަތަކެއްކަން މިއަދު ސާފުކޮށް ހާމަވާ ކަމަށެވެ.

ޗާގޯސް މައްސަލައިގައި ސަރުކާރާއި އިދިކޮޅު ހުރިހައި ޕާޓީތަކުން އެކުވެގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.މުނައްވަރު ވަނީ މި ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިގޮތުން މި ސަރުކާރު ނޫނީ ދައުލަތް ހިނގަން ދައުލަތުގެ ދުޝްމަނުންތިބި ތަނެއް ތާރީޚުވެސް ދެކެފައި ނުވާކަމަށް ޑރ. މުނައްވަރު ވަނީ ވިދާޅުވެފަ އެވެ.

ޑރ. މުނައްވަރު ވިދާޅުވީ ޗާގޯސް މި ލިބުނީ އަސްލު ކޮންބަޔަކަށް ކަންވެސް މިހާރު އޮޅިފައިވާކަމަށެވެ. އަދި މޮރިޝަސް އާއި އިންޑިއާގެ ގާތް ގުޅުމުގެ ސަބަބުން އެސަރައްދުގެ އިން ބަލަހައްޓަން އިންޑިއާއާއި ހަވާލުކޮށްފާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.