ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން ކެމްޕޭން އިފްތިތާހުކޮށްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތްދޭ ބީއެމްއެލް އިން ބުނީ މި ކެމްޕޭންގެ އަމާޒަކީ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ތަފާތު ތަޖުރިބާތަކެއްކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އެއްއަހަރުގެ މުއްދަތަކަށް ދެމިގެންދާ މި ކެމްޕޭން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮންޕެނީ (އެމްއެމްޕީއާރުސީ)، ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އެންޑޯޒްކޮށްފަ އެވެ.

މި ކެމްޕޭން އިފްތިތާހުކުރީ ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ބީއެމްއެލް އިން ބުނީ "އެކްސްޕީރިއަންސް މޯލްޑިވްސް" މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފާތަކެއް ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި އެކި އެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްވެސް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް 10- 25 ޕަސެންޓާ ހަމަޔަށް ސްޕާ/ އެކްޓިވިޓީ ޑިސްކައުންޓް ލިބޭއިރު، އެއްވެސް ހަރަދަކާ ނުލާ ހުރުމުގެ ފުރުސަތުތަކާއި، ރެސްޓޯރަންޓްތަކުން ބޮޑެތި ޑިސްކައުންޓްގެ އިތުރުން މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ހިލޭ ޑޭޓާ ފަދަ ގިނަ ފުރުސަތުތަކެއް އެމެކްސް ކާޑު މެންބަރުންނަށް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަތަރު މަހުގައި ބައި މިލިއަން ފަތުރުވެރިންނަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން މި އަހަރަށް ކަނޑައަޅާފައިވާ 1.8 މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލްވުމަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ކެމްޕޭންގައި ގިނަގުނަ ފުރުސަތުތަކާއެކު ބައިވެރިވި ޕްރޮޕަޓީސްތަކާއި މާޗެންޓުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" ބީއެމްއެލް އިން ބުނެ އެވެ.

މި ޕާޓްނާޝިޕާ ގުޅޭގޮތުން ވައިސް ޕްރެސިޑެންޓް އެންޑް ޖެނެރަލް މެނޭޖަ، ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެންޑް ސައުތު ޕެސިފިކް ގްރޯތު މާކެޓްސް، އެމެރިކަން އެކްސްޕްރެސް ވިދްޔާ ޖައިން ވިދާޅުވީ ރާއްޖެ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޕްރީމިއަމް އަދި މުއްސަނދި ފަތުރުވެރިންގެ މެދުގައި އަބަދުވެސް ވަރަށް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށެވެ.

"އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕޭންގެ އެހީގައި މި ހިތްގައިމު މަންޒިލަށް އިތުރު ޝައުގުވެރިކަމެއް ގެނުވައި ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާއަށް މިކަމުގެ ސަބަބުން އެހީތެރިކަމެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ ދުވަސްވީ ޕާޓްނަރު، ބޭންކް އޮފް މޯލްޑިވްސްއާއެކު އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް އެކްސްޕީރިއަންސް މޯލްޑިވްސްގެ ކެމްޕެއިނަކާއެކު ތަފާތު ތަޖުރިބާތަކެއް ގެނެސްދެވޭކަމީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން 325،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މާޗެންޓުން ތިބެނެ އެވެ.

އެ ބޭންކްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 85 ސެލްފްސާވިސް ބޭންކިން ސެންޓަރު، 141 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.