މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ފޯމް ހުށައަޅާފައިވަނީ 1000 މީހުން ކަމަށާއި އަދިވެސް އިތުރު އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނެފައި ވަނީ މިހާތަނަށް 1،000 ފޯމް ލިބިފައިވާއިރު، މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް 5،600 އޮފިޝަލުން ބޭނުންވާނެ ކަމަށެވެ. އެހެން ކަމުން އަދިވެސް 4،600 އޮފިޝަލުން ބޭނުންވާނެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރާއްޖޭގެ އެކި ސަރަހައްދުތަކާއި ދިވެހިން ދިރިއުޅޭ ބޭރު ގައުމުތައް ހިމެނޭ ގޮތުން ޖުމްލަ 800 ވޯޓުފޮށި ބަހައްޓާނެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އޮފިޝަލް ކަމަށް ކުރިމަތިލެވޭނީ މިކަމަށހާއްސަ ކުރެވިފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ކަމަށެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 22 ވަނަ ދުވަސް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މަގާމު އަދި އުޖޫރަވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ 1،500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފި ނަމަ 1،200 ރުފިޔާ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ 1،000 ރުފިޔާ ، ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފި ނަމަ 500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

އުޖޫރައިގެ އިތުރުން ވޯޓުލާ ދުވަހު ކެއުމާއި ސައިގެ އިންތިޒާމު ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖެއްސޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެ އެވެ.

މިއަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.