ޓެރެރިސްޓުންނަށް ފައިސާގެ މުއާމަލާތް ނުކުރެވޭ ގޮތް ހެދުމަކީ ރާއްޖެއާއި އެމެރިކާއިން އެންމެ ބޮޑު އިސްކަމެއްދޭކަން ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިއަދު ވިދާޅުވެއްޖެ އެވެ.
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އެލައިނާ ޓެޕްލިޒް މިއަދު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެރެރިސްޓުންނަށް ފައިސާގެ މުއާމަލާތް ނުކުރެވޭގޮތަށް ހެދުމަކީ ދެ ގައުމުން އެންމެ ބޮޑު އިސްކަމެއްދޭ ކަން ކަމަށެވެ. އަދި ގަވަރުނަރާ މއިަދު ބައްދަލުކުރައްވައި މަނީ ލޯންޑްރިން އާއި ޓެރެރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި އެވެ.
ކޮލަމްބޯގައި ހުންނަވާ ސަފީރު ވަނީ ރާއްޖެ ވަޑައިގެން ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ބައްދަކުރައްވައިފަ އެވެ. އަދި ދެމެހެއްޓެނެވި މަސްވެރިކަންކުރުމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ ވެސް ބައްދަލުކުރައްވާފައިވެ އެވެ. މީގެ އިތުރުން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އިސްބޭފުޅުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.