މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އެންމެ މުހިންމު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ 16 ބޭފުޅަކު އެ ޕާޓީން ވަކިވެވަޑައިގެންނެވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެމި ތިއްބެވުމުގެ ބޭނުންފުޅުގަ އެވެ.

ހަމައެހެންމެ އެމްއާރުއެމްއިން މިހާތަނަށް ރައީސް ސޯލިހަށް އާނ ބަސް ދީފައި ނުވާތީ އެވެ. އެހެންކަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ކިރިޔާ 3،000 ހަމަވާ ޕާޓީއަށް ކުރިޔަށް އޮތް އިންތިޚާބުގެ ކުރިން މިވަނީ ބޮޑު ލޮޅުމެއް އަރައިފަ އެވެ.

އެމްއާރުއެމްއެކޭ އެއްފަދައިން ޖުމްހޫރީ ޕާޓީގެ ގިނަ ބަޔަކު ވެސް ވަނީ ރައީސް ސޯލިހާ ގުޅުމަށް ޖޭޕީން ވަކިވެފަ އެވެ. ހަމަ އެފަދައިން ނުވަތަ އެއަށް ވުރެ ވެސް ބޮޑަށް ޕާޓީ ބައިބައިވެ، އިންތިޚާބުގެ ކުރިން ވާދަވެރިކަން ފެށިފައި ވަނީ ރައީސް ސޯލިހުގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތެރޭގަ އެވެ. ރައީސްކަމަށް ކުރިމަތިލާނެ ކެންޑިޑޭޓަކާ މެދު އުފެދުނު ޚިޔާލު ތަފާތުވުމުގައި ބައިބައިވެ، އެ ޕާޓީގެ ތެރެއިން އުފެދުނު ވަކި ފެކްޝަނަކުން މިހާރު ގެންދަނީ އެ ފެކްޝަނުގެ ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަމަށް އާދެވޭނެ ފޯމިއުލާއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދުވަސްވަރު ރައީސް ރައީސް މުހައްމަދު ނަޝީދު އެއާޕޯޓެއްގައި

ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާއިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް/ ޕީއެންސީ ފެންނަނީ ބޭރުފުށުން ވަރަށް ބަދަހިކޮށް އެއް މަގުސަދެއްގައި މަސައްކަތް ކުރަމުން ގެންދާތަނެވެ. ޕާޓީގެ މުޅި މަގުސަދަކަށް ވެފައި އޮތީ ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް، އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމެވެ. އެ މަސައްކަތުގައި އަލިމަގެއް އަދި ނުފެނުނު ކަމަށް ވިޔަސް ޕީޕީއެމް/ޕީއެންސީއަށް އެނގޭކަމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމެވެ. ޕާޓީގެ މެންބަރުންނަށް މިކަން ޔަގީންކޮށް ދިނުމަށް ލީޑަރުން ދައްކަވާ ތަފާތު ތިއަރީތައް އެބަހުއްޓެވެ.

ރައީސް ޔާމީންގެ ލީގަލް ޓީމުން ލަފާކުރާ ގޮތުގައި ރިޔާސީ އިންތިޚާބުގެ ކުރިން އެމަނިކުފާނު މިނިވަންވެ، ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެހެން ނަމަވެސް އެއީ ޔަގީން ކަމެއް ނޫނެވެ. ޕާޓީގެ ސިޔާސަތުތަކާ މެދު ދެކެވޭ ތަފާތު ވާހަކަތަކަށް ޖަވާބު ދެއްވުމަށާއި ލީޑަރުންގެ ގުޅުން ހާމަކޮށް ދެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި އެ ދެ ޕާޓީ ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ހުރަހެއް ނެތެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ގޭގައި ހުންނަވައިގެން މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ގައުމީ ދިދަ ވިހުރުވަނީ. ފޮޓޯ: ޕީޕީއެމް

އޭނާ އެ ހަވާލާ ދެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ދެއްކެވި ވާހަކަ ފުޅަކަށެވެ.

ފުއާދު ނޫސްވެރިންގެ ގާތު ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ވެސް އިންތިޚާބަށް ކުރިމަތި ލެއްވޭނެ ކަމަށެވެ. ފުއާދުގެ އެ ވާހަކައަކީ ތަފާތު މާނަތަކެއް ދޭހަވާ މޭރުމުން ދައްކަވާފައިވާ ވާހަކަފުޅެކެވެ. އެއްގޮތަކުން ބަލާއިރު އެއްވެސް މީހަކަށް އިންތިޚާބަށް ފޯމުލުން ނުވަތަ އެޕްލައި ކުރުމަކަށް ހުރަހެއް ނެތެވެ. ބަލައިގަންނާނީ ޝަރުތު ހަމަވާ ފޯމުތަކެވެ. އެކަމަކު ފުއާދުގެ ވާހަކަފުޅުން އިތުރު އުންމީދެއް ޕީޕީއެމަށް ލިބެނީ ނިހާއީ ހުކުމެއް ނާންނަނަމަ އިންތިޚާބަށް ކުރިމަތިލެއްވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި ވިދާޅުވުމުންނެވެ.

ޕީޕީއެމްގެ ލީޑަޝިޕުން ދައްކަމުންގެންދާ ވާހަކައަކީ ވެސް އެއީ އެވެ. ފުއާދު ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އެޕްލިކޭޝަން ލިބުމުން ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު.

ރައީސް ޔާމީންގެ ކެންޑިޑެސީގެ ހައިސިއްޔަތު ކޮންމެ ގޮތަކަށް އޮތް ކަމަށް ވިޔަސް ޕީޕީއެމްގެ އާންމު މެންބަރުންގެ ތެރޭގައި ރައީސް ޔާމީން ނޫން ދެވަނަ ކެންޑިޑޭޓެއްގެ ވިސްނުމެއް ނެތެވެ. ޕާޓީގެ ލީޑަޝިޕަށް ތުހުމަތުކޮށް ތަފާތު ރިޕޯޓުތައް ނޫސްތަކުގައި ލިޔުނު ކަމަށް ވިޔަސް ރައީސް ޔާމީނުގެ ކެންޑިޑެސީއަށް ހުރަސްއެޅޭ ފަދަ ހަރަކާތެއް ހިނގާ ކަމަކަށް ނުފެނެ އެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެފަދަ އެއްވެސް ނުތަނަވަސް ކަމެއް އެ ޕާޓީގެ ތެރޭގައި މިވަގުތަކު ނެތެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާފައިވާ ނިންމުމަށް ބަދަލު އަންނާނެ ގޮތެއް ނެތެވެ.

ނަމަވެސް ޕީޕީއެމަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންތިޚާބު ކައިރިވާ އިރުވެސް ޔާމީނަށް ކުރިމަތިލެވޭނެ ކަމުގެ ޔަގީންކަން ނެތް ޙާލަތުގައި ވެސް އެ އުއްމީދުގައި ޢާއްމު މެންބަރުން ބޭތިއްބުމެވެ. ޔަގީންވާ ކަމަކީ ޔާމީން ނެތް ހާލަތެއްގައި ވާދަކުރާނެ ކެންޑިޑޭޓެއް ނެރެން އަޑިން މަސައްކަތް ކުރާ ކަމެވެ. މި ތުހުމަތު އެންމެ ބޮޑަށް އެޅެނީ މާލޭގެ މޭޔަރު މުޙައްމަދު މުޢިއްޒުގެ ބޮލުގަ އެވެ. މުޢިއްޒަށް އަޑިން ކެމްޕޭން ކުރާ މެންބަރެއްގެ މައްސަލަ ބަލަން ފެށުމުން އޭނާ ވަނީ ޕާޓީން ވަކި ވެފައެވެ.

ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، ބޮޑެތި ހުރިހާ ޕާޓީތަކުގައި އެތެރޭގެ މައްސަލަތައް އުފެދި އެކި މެންބަރުން އެކި ދިމަދިމާލަށް ގޮސް ފެކްޝަންތައް ހަދަމުންދާއިރު، އެފަދަ މައްސަލައެއް ބޭރުފުށުން ކުރިމަތިނުވެ ކުރިޔަށް ދާތަން މިވަގުތު ފެންނަނީ ހަމަ އެކަނި ޕީޕީއެމް ޕީއެންސީގެ ކޯލިޝަނެވެ. އެކޯލިޝަން އޮތީ ބަދަހި ކޮށެވެ.