ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ހިއްކަން މަޝްވަރާ ކުރަމުން އަންނަ ފަޅުގެ ސަރަހައްދުގެ އިޙްތިޞާސް އޮތީ މާލެ ސިޓީ ކައުންސިލަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިފަދައިން ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގައި ކްރޫޒް ލައިން ޓާމިނަލް އަޅަން އޮތް ސަރަހައްދު ހިއްކަން އާބަންކޯ ނިންމުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

މޭޔަރު ވިދާޅުވީ ހިއްކަން އުޅޭ ސަރަހައްދަކީ އާބަންކޯއަށް ރެޖިސްޓްރީކޮށްފައިވާ ސަރަހައްދެއް ނޫން ކަމަށާއި ހިއްކަން އުޅޭކަމަށް ބުނާ ސަރަހައްދަކީ މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސް ގެ ތެރޭގައި ހިމެނޭ ސަރަހައްދެއްކަމަށެވެ.

”ހިއްކަން އުޅޭކަމަށް ބުނާ ސަރަހައްދަކީ މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސް ގެ ތެރޭގައި ހިމެނޭ ސަރަހައްދެއް“ މޭޔަރު މުއިއްޒު ވިދާޅުވި އެވެ

މޭޔަރުގެ ޓްވީޓުގައި މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް ނަމަވެސް، އެކަން ކުރަންވާނީ އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން، ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މި މަޝްރޫއަކީ، ހުޅުމާލެ މާސްޓާޕްލޭނާއި ހިލާފަށް ޕްލޭން ކުރުމެއްނެތި ކުރާ ކަމެއްކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

މުއިއްޒު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މާސްޓާޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ޖެހޭނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި އަމަލު ކުރަމުންދާ ޤާނޫނުތަކާ އުސޫލުތަކާ އެއްގޮތަށް ނަމަވެސް މިކަން ކުރަން މަސައްކަތް ކުރަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް މާލެ ސިޓީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

”ޑިމޮކްރަސީއެއްގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާ ހައްގުތައް ރައްކާތެރިކުރުމަށް ޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއް“ މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވަނީ މިކަން އިސްލާހުކޮށް، މަޝްވަރާގެ މަތީން ގާނޫނާ ގަވާއިދުގެ ތެރެއިން އަމަލު ކުރުމަށް އާބަންކޯއަށް އިލްތިމާސް ކުރައްވާފަ އެވެ.

މޭޔަރ އިތުރަށް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށެވެ.