އއ. އުކުޅަހު ފަޅުގައި އަޅާފައި އޮތް ސަފާރީއަކުން އެރަށަށް ރާ ވިއްކާ މައްސަލަ ބޮޑުވެ ރައްޔިތުން ހިއްހަމަ ނުޖެހިގެން ރަށު ކައުންސިލް އޮފީސް ދޮރު މައްޗަށް "ބަނގުރާ ބޮއްކުރާ" އެއް އެހެލައިފި އެވެ.

އއ. އުކުޅަހު ފަޅުގައި މަރާމަތަށް ކަމަށް ބުނެ އަޅާފައިއޮތް ޒެޑް ކުރޫޒާ ސަފާރީން އެރަށަށް ބަނގުރާ ވިއްކާ ކަމަށް ބުނެ މިދިޔަ ހަފްތާގައި އެކި ފަހަރު މަތިން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ރަށުގެ ރައްޔިތުން ކައުންސިލް އިދާރާ ކައިރިއަށް އެއްވެ އިއްޔެ ވަނީ މުޒާހާރާ ވެސް ކޮށްފަ އެވެ. އެ ރަށުގެ ނެރު ހުރަސްްކޮށް ދޯނިތަކެއް އަޅައި ނެރު ވެސް ބަންދު ކޮށްފައިވެ އެވެ. އެކަމާ ގުޅިގެން މިހާރު ދަނީ ފުލުހުން އެރަށުގައި ހަރަކާތްތެރި ވަމުންނެވެ.

އެ ސަފާރީ ފަޅުގައި އޮންނަނީ ކައުންސިލްގެ ހުއްދައާ އެކު އެވެ. ސަފާރީ ރަށު ބަނދަރުން ނުނެރޭތީ ރަށު ރައްޔިތުން ކައުންސިލްގެ ދޮރުމަތީގައި "ރާބޮއްކުރާ" އެއް ބާއްވާ ކައުންސިލަށް ވަންނަ ދޮރު ވަނީ ބަންދު ކޮށްފަ އެވެ. އެ ބޮއްކުރާގައި "ރާ ސަފާރީ" ޖަހާފައިވެ އެވެ. އަދި ރާ ހުރި ހުސްފުޅިތަކެއް ވެސް ބަހައްޓާފައިވެ އެވެ.

އއ.. އުކުޅަހަށް ރާ ވިއްކާ މައްސަލަ ބޮޑުވެ އެރަށު ރައްޔިތުން ކުރި އިހުތިޖާޖްގެ ތެރެއިން ކައުންސިލަށް ބޮއްކުރައެއް ވައްދާފައި

އުކުޅަހު ކައުންސިލުން ބުނީ އެ ސަފާރީ މަރާމާތު ކުރަން ރަށުގެ ބަނދަރަށް ވަނުމުގެ ހުއްދައަށް އެދުމުން ފުލުހުންގެ ހާޒިރުގައި އުޅަނދު ބަލައި ފާސް ނުކޮށް ބަނދަރަށް ކައިރި ނުކުރެވޭނެ ކަމަށް އެންގި ކަމަށެވެ. އެހެން ނަމަވެސް ހުއްދަނެތި އެ ސަފާރީ ވަނީ ބަނދަރަށް ވައްދައިފަ އެވެ.