ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރަން ނިންމާފައިވާ އެމްއެންޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ރަސްމީކޮށް ޕާޓީގެ ޓިކެޓް ހަވާލުކުރުން މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ނާޒިމް އަށް ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަސް ފުރަތަމަ ހަމަޖަޖައްސާފައި ވަނީ މިމަހުގެ 5 ވަނަ ދުވަހު ނަމަވެސް ފަހުން ވަނީ އެ ޖަލްސާ ފަސްކޮށްފަ އެވެ.

މިހާރު ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 26 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.

ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމްއަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ނިންމީ ނާޒިމު ރިޔާސަތުގައި އިންނަވައިގެން ރޭ ބޭއްވި އެމްއެންޕީގެ ކައުންސިލްގެ ތިންވަނަ ބައްދަލުވުމުގަ އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހު އެޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގަ އެވެ. އެ ފުރުސަތުގައި އެމްއެންޕީގެ ޕްރައިމަރީއަށް ކުރިމަތިލައްވާފައި ވަނީ ނާޒިމް އެކަންޏެވެ.

އެމްއެންޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އިންތިހާބެއް ބާއްވާކަށް ނުޖެހޭނެ އެވެ. އެހެންވެ ނާޒިމަށް މިހާރު ވަނީ ރިޔާސީ ޓިކެޓް ކަށަވަރުވެފަ އެވެ.

މިއަހަރު ބައްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި ވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި ޕީޕީއެމް އެކަންޏެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެމްޕޭން ފަށާފައިވެ އެވެ.