ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ބައޯމެޓްރިކްސް ނަގަން ފަށާފައިވަނީ މޭ 2 2024ގަ އެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މާލެ ސަރަހައްދާއި ބައެއް ސިނާޢީ މަސައްކަތް ކުރާ ތަންތަނުގެ އިތުރަށް ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފަ އެވެ. އަދި ރަށްރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު ނެގޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފަ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އާއްމުކުރި މަައުލޫމާތަށް ބަލާއިރު މިހާތަނަށް 174،152 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް ވަނީ އަޕްޑޭޓްކޮށްފަ އެވެ. މި މައުލޫމާތުތައް އެއްކުރުމުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވެސް ވަނީ ފަށާފަ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ބިދޭސީންގެ މައުލޫމާތުތައް ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ފަހިކޮށްދިނުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ރެގިއުލޭޓްކުރެވޭނެ ނިޒާމު ހަރުދަނާކުރުން ވެސް ހިމެނެ އެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެ ވުޒާރާއިން އަންނަނީ ބަޔޯމެޓްރިކް އަދާހަމަކޮށްފައި ނުވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ މީހުން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ބިދޭސީން ގެންގުޅޭ 2،498 މީހަކު ސިސްޓަމްގެ ތެރެއިން ބްލޮކް ކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެ އެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކޮށްފައިވެ އެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަނގީގެ އިތުރުން ތަފާތު ހަރަކާތްތައް ހޯމް ސެކްޓާއިން ކުރިއަށް ގެންދަނީ ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ. ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.