ރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ އއ އުކުޅަސް ފަޅުން ނެރެން އެރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

އއ. އުކުޅަސް ފަޅުގައި މަރަމާތަށް ކަމަށް ބުނެ އަޅާފައި އޮތް ސަފާރީއަކުން އެ ރަށަށް ރާ ވިއްކާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

އއ. އުކުޅަހު ފަޅުގައި މަރާމަތަށް ކަމަށް ބުނެ އަޅާފައި އޮތް ޒެޑް ކުރޫޒާ ސަފާރީން އެ ރަށަށް ބަނގުރާ ވިއްކާ ކަމަށް ބުނެ މިދިޔަ ހަފްތާގައި އެކި ފަހަރު މަތިން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ރަށުގެ ރައްޔިތުން ކައުންސިލް އިދާރާ ކައިރިއަށް އެއްވެ ވަނީ މުޒާހާރާ ވެސް ކޮށްފަ އެވެ.

އެ މައްސަލަ ރަށު ކައުންސިލުން މިދިޔަ ހަފްތާގައި ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ ސަފާރީ 24 ގަޑިއިރުގެ ތެރޭގައި ނެރެން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ އެ ވަގުތުގެ ތެރޭގައި އެއްވެސް މޫސުމީ އެލާޓެއް ނެރެފި ނަމަ 24 ގަޑިއިރު ގުނާނީ އެވަތު އުނިކޮށްފައި ކަމަށް ކޯޓުން ބުނެއެވެ.

އެ ސަފާރީ ފަޅުގައި އޮންނަނީ ކައުންސިލްގެ ހުއްދައާ އެކު އެވެ. ސަފާރީ ރަށު ބަނދަރުން ނުނެރޭތީ ރަށު ރައްޔިތުން ކައުންސިލްގެ ދޮރުމަތީގައި "ރާބޮއްކުރާ" އެއް ބާއްވާ ކައުންސިލަށް ވަންނަ ދޮރު ވެސް ބަންދުކޮށް އިހުތިޖާޖް ވެސް ކުރިއެވެ.

އުކުޅަހު ކައުންސިލުން ބުނީ އެ ސަފާރީ މަރާމާތު ކުރަން ރަށުގެ ބަނދަރަށް ވަނުމުގެ ހުއްދައަށް އެދުމުން ފުލުހުންގެ ހާޒިރުގައި އުޅަނދު ބަލައި ފާސް ނުކޮށް ބަނދަރަށް ކައިރި ނުކުރެވޭނެ ކަމަށް އެންގި ކަމަށެވެ. އެހެން ނަމަވެސް ހުއްދަނެތި އެ ސަފާރީ ވަނީ ބަނދަރަށް ވައްދައިފަ އެވެ.