ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެބޭފުޅުންގެ އާއިލާއަށް ހެލްތު އިންޝުއަރެންސް ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ހެލްތު އިންޝުއަރެންސް ދޭން ހުޅުވާލަފައި ވަނީ ބޮލަކަށް 24،000ރ. ގެ މަގުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ އިންޝުއަރެންސް ބޭނުންވަނީ މިހާރު މިހިނގާ 19 ވަނަ މަޖިލީހުގެ މެމްބަރުންނާއި އަނބިން ފިރިން އަދި 18 އަހަރު ނުފުރޭ ކުދިންނަށް މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށީގެން އަންނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހާ ހަމައަށެވެ. އަންނަ ދައުރުގެ މެމްބަރުންނާއި މެމްބަރުންގެ އާއިލާއަށް 28 ޖޫން 2024 އިން 27 މެއި 2025 ގެ ނިޔަލަށެވެ.

އިއުލާނުގައި ބުނެފައިވާ ޝަރުތުތަކުގެ ތެރޭގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ހޮސްޕިޓަލް އަދި ރަފްލްސް ހޮސްޕިޓަލް ހިމަނަން ޖެހެ އެވެ. މީގެ އިތުރުން މެލޭޝިއާގެ ސަންވޭ މެޑިކަލް ސެންޓަރު ވެސް ހިމެނުން ލާޒިމް ކޮށްފައިވެ އެވެ. އޭގެ އިތުރަށް ވެސް ފަރުވާއަށްދާ ގިނަ ހަރަދުތައް މި އިންޝުއަރެންސް ހިދުމަތުން ކަވަރު ކުރުން ލާޒިމް ކޮށްފައިވެ އެވެ.

އިންޝުއަރެންސް ހިދުމަތުގެ އަގުތައް:

އަހަރެއްގެ ޕްރިމިއަމް ބޮލަކަށް ޖެހޭ މިންވަރު 24،000 ރުފިޔާ

އެއް އަހަރަށް އިންޝުއަރެންސް ނެގޭ މަތީ ލިމިޓް 350،000 ރުފިޔާ

ކޮޓަރިއެއްގައި ހުރުމާއި ކެއުން ހިމެނޭ ގޮތަށް 90 ދުވަހަށް، ދުވާލަކު 3،000 ރުފިޔާ

ބަލިވެ އިނުމުން ދެވޭ ހިދުމަތްތަކުގެ ހަރަދަށް މަދުވެގެން 30،000 ރުފިޔާ

ބޭރުގައި އެޑްމިޓް ކުރުމުން ކޭޝް ބެނިފިޓް ދުވާލަކަށް 1،000 ރުފިޔާ

ބޭރުގައި އެޑްމިޓް ކުރުމުން އައުޓްޕޭޝަންޓް ބެނެފިޓް ދުވާލަކަށް 5،000 ރުފިޔާ

އަލަށް އުފަންވާ ކުދިންގެ ހަރަދު މަދުވެގެން 22،500ރުފިޔާ

އައިނު ކޮންޓްރެކް ލެންސުގެ ހަރަދު 3،000ރުފިޔާ

މެޑިކަލް ޗެކަޕް ހަރަދު 5،000 ރުފިޔާ

އޯވަރޯލް އައުޓް ޕޭޝަންޓް 150،000 ރުފިޔާ

މަޖިލިސް މެމްބަރުންނާއި އެމެމްބަރުންގެ އާއިލާއަށް ހެލްތު އިންޝުއަރެންސް ދޭން އަހަރަކު 142 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.