ރަހީނުކޮށް، 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނާ ދެކޮޅަށް ދައުލަތުން 79 ހެއްކެއް ހުށަހަޅައި ހެކިބަސް ނަގަން ފަށައިފި އެވެ.
ބޮޑެތި ޒަހަމުތަކާއެކު 13 އަހަރުގެ ކުއްޖަކު ފޮއްޓަކަށްލާ މޫދަށް އެއްލާލާފައި ވަނިކޮށް ފުލުހުންނަށް ފެނިފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރު އެވެ.
ރަހީނުކޮށްގެން ގެންގުޅުނު 13 އަހަރުގެ މިކުޑަކުއްޖާ ރަހުމުކުޑަގޮތަކަށް މަރާލުމަށް ފަހު ފޮއްޓަކަށްލާ، ލާއިންސާނީ އަމަލު ހިންގި ފަރާތްތަކުން ހެކި ނެއްތާލުމަށް މަސައްކަތްކުރިއިރު، އެކަމުގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކާއިއެކު އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާން ވަނީ ހައްޔަރުކޮށްފައިވެ އެވެ.
މިމައްސަލާގައި ޒިހާންގެ މައްޗަށް މަރުގެ ދައުވާއެއް ހިމެނޭ ގޮތަށް 13 ދައުވާއެއް ކޮށްފައިވެ އެވެ. އެގޮތުން ޒިހާނާ ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ، ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ފަސް ދައުވާ، ކުޑަ ކުއްޖަކަށް މަސްތުވާތަކެތި ދީގެން އެ ކުއްޖާއާ އެކު މީހަކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އެވެ. އަދި ޖިންސީ ގޯނާ ހިންގުމަށް ކުޑަ ކުއްޖަކު ގްރޫމްކުރުމާއި ހުއްދަ ނޫން ގޮތުގައި މައްޔިތާގެ ބޭނުން ހިފެހެއްޓުމުގެ އިތުރުން ނަހަމަ ގޮތުގައި ޖިންސީ ކުށެއް ކުރުމުގައި ކުޑަ ކުއްޖަކު ބޭނުންކުރުމުގެ ތިން ދައުވާ ވެސް އުފުލި އެވެ.
ޒިހާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ. މިއަދު ކުރިއަށްދިޔަ ބަންދުގެ މުރާޖައާ އަޑުއެހުމުގައި ނިންމާފައިވަނީ، ޝަރީއަތް ނިމެންދެން ޒިހާން ބަންދުގައި ބެހެއްޓުމަށެވެ. ޒިހާންއާ ދެކޮޅަށް 79 ހެއްކެއް ދައުލަތުން ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ދެ މީހެއްގެ ހެކިބަސް މިއަދު ނަގާފައިވެ އެވެ.
ދައުލަތުން ވަނީ ޒިހާންއާ ދެކޮޅަށް ގިނަ އަދަދެއްގެ ހެކި ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި 79 ޝަފަހީ ހެކި ހިމެނޭއިރު އޭގެ ތެރެއިން 16 މީހުންގެ ވަނަވަރު ވަނީ ސިއްރު ކޮށްފަ އެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މިމައްސަލައިގައި 17 އަހަރުގެ ކުއްޖާއަށްވެސް ދައުވާކުރަން ފޮނުވާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކުޑަކުއްޖަކަށްވުމުން އެކަމާ ގުޅޭ ތަފްސީލެއް ޕީޖީ ނުދެ އެވެ.