"ފިކުރެއްގެ ދިރުން" ހަރަކާތުގައި ބައިވެރިވާ މެންބަރުން ޕާޓީން ވަކި ނުކުރެވޭނެ ކަމަށާއި ޕާޓީ އަނބުރާ ހޯއްދަވާނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް "ގައްދާރުވާ މީހުން" ޕާޓީން ވަކިކުރުމަށް ގޮވާލައި ޕާޓީގެ އޮފީސް ކައިރީގައި މިއަދު ރީކޯ މޫސާ މަނިކާއި އެކްޓިވިސްޓް، މުހައްމަދު ނާޒިމް (ބައުންޓީ ނާޒިމް) އިތުރު އެހެން ބަޔަކު ޝުއޫރު ފާޅުކުރުމުން އެކަމަށް ރައްދު ދެއްވާ ޕާޓީގެ އިސް ބޭފުޅުން ތިއްބަވާ ގްރޫޕެއްގައި ނަޝީދު ވަނީ އެމަނިކުފާނު ޕާޓީގައި ހުރުމުން އުނދަގޫވީތޯ ސުވާލު ކުރައްވާފަ އެވެ.

ގައްދާރުވާ މީހުން ޕާޓީން ވަކިކުރުމަށް ގޮވާލާ މުޒާހަރާކުރުން

ރައީސް ނަޝީދު ވިދާޅުވީ ހިތް އެމްޑީޕީ އާއި ވަކި ނުވާނެ ކަމަށާއި ފިކުރެއްގެ ދިރުން ނެރޭނެ ކަމަށެވެ.

"ހިތް އެމްޑީޕީ އާއި ވަކި ނުވާނެ. އަދި އަޅުގަނޑުމެން އެމްޑީޕީ ފިކުރުގެ ދިރުން ނެރޭނެ. އެމްޑީޕީ އަނބުރާ ހޯދާނެ،" ނަޝީދު ވިދާޅުވި އެވެ.

"ފިކުރެއްގެ ދިރުން"ގެ ހަރަކާތްތަކުގައި ބައިވެރިވާ މަޖިލިސް މެންބަރުން ގެންދަވަނީ ފާޅުގައި އެމްޑީޕީއާއި ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އިދިކޮޅު ހަރަކާތްތަކުގައިވެސް މިފަހަކަށް އައިސް އެ ބޭފުޅުން ގެންދަވަނީ ބައިވެރިވެވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޗާގޯސް މައްސަލައިގައި ހަދާފައިވާ ކޯލިޝަންގައިވެސް ފިކުރެއްގެ ދިރުމުން ބައިވެރިވެ އެވެ.