ދުނިޔޭގެ ތާރީހުގައި އެކި ގައުމުތަކުން އިމާރާތް ކޮށްފައިވާ އެކި އިމާރާތްތައް ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ލަގަބު ހޯދާފައިވެ އެވެ. ޕެރިސްގެ އެއިފިލް ޓަވަރުން ފެށިގެން ނިއުޔޯކް އެމްޕަޔާ ސްޓޭޓް ބިލްޑިންއަކީ ވެސް މި ލިސްޓުން އެއް އިރެއްގައި ކުރި ހޯދާފައިވާ އިމާރާތްތަކެވެ.
އެހެން ނަމަވެސް މިއަދަށް ބަލާއިރު މި ލިސްޓަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފަ އެވެ. ޓެކްނޮލޮޖީއާއެކު ގައުމުތަކުގެ އުމްރާނީ ތަރައްގީގެ ވާދަވެރިކަން ވެސް ވަނީ އިތުރުވެފަ އެވެ. މި ލިސްޓުގައި މި ބަލާލަަނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އުސް ފަސް އިމާރާތަށެވެ.
1. ބުރުޖް ޚަލީފާ
އުސްމިނުގައި 828 މީޓަރް ހުންނަ ދުބާއީގެ ބުރުޖް ޚަލީފާއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ދުނިޔޭގެ އެންމެ އުސް އިމާރާތެވެ. މިއީ ދުބާއީގެ ޒަމާނީ އުމްރާނީ ތަރައްގީ ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ ބިނާ އެކެވެ. 163 ފަންގިފިލާގެ މި ޓަވަރުގައި ރެސްޓޯރެންޓުތަކާއި އެޕާޓްމަންޓުތަކުގެ އިތުރުން ވިޔަފާރި މަރުކަޒުތައް ވެސް ހުރެ އެވެ.
2. މޭރްދަކާ 118
އިމާރާތް ކުރުން ގާތްގަނޑަކަށް ނިމިފައިވާ މޭރްދަކާ 118 އަކީ ދުނިޔޭގެ ދެވަނަ އަށް އެންމެ އުސް އަދި އިރު ދެކުނު އޭޝިއާގެ އެންމެ އުސް އިމާރާތެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުރި މި އިމާރާތުގެ އުސްމިނުގައި 678.9 މީޓަރު ހުރި އިރު މިއަހަރުގެ ފަހުކޮޅު އާއްމުންނަށް އިމާރާތް ހުޅުވާލެވޭނެ އެވެ.
3. ޝަންހާއީ ޓަވަރު
ޗައިނާގެ ޝަންހާއީގައި ހުންނަ ޝަންހާއީ ޓަވަރު 632 މީޓަރާއެކު ހޯދާފައިވަނީ މި ލިސްޓުގެ ތިންވަނަ އެވެ. 2015 ވަނަ އަހަރު ފުރިހަމަ ކުރެވުނު މި އިމާރާތުގެ މަސައްކަތަށް ގާތްގަނޑަކަށް 20 އަހަރު ހޭދަވި އެވެ. މި އިމާރާތުގެ ލިފްޓަކީ ކޮންމެ ސިކުންތަކު 20.5 މީޓަރު ބާރުމިނުގައި ދަތުރުކުރާ ލިފްޓެކެވެ.
4. އަބްރާޖް އަލް ބައިތު ކްލޮކް ޓަވަރު
އުސްމިނުގައި 601 މީޓަރު ހުންނަ މައްކާގެ އަބްރާޖް އަލް ބައިތު ކްލޮކް ޓަވަރަކީ ހަތަރު ވަނައަށް އެންމެ އުސް އިމާރާތެވެ. އެހެން ނަމަވެސް މި ގަޑިބުރަކީ ދުނިޔޭގެ ބައެއް ރެކޯޑުތައް ވެސް ހޯދާފައިވާ ގަޑިބުރެކެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ގަޑީގެ ލަގަބު ހޯދާފައިވާއިރު މިއީ ޖާގައިގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އިމާރާތެވެ.
5. ޕިންގް އޭން އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރު
ޗައިނާގެ ޝެންޒެންއިން ފެންނަ މި އިމާރާތަކީ އޭގެ އާކިޓެކްޗަރަލް ޑިޒައިން އަށްޓަކައި ފާހަގަވާ އިމާރާތެކެވެ. އުސްމިނުގައި 599.1 މީޓަރު ހުންނަ އެ އިމާރާތަކީ ވިޔަފާރީގެ މައި މަރުކަޒެކެވެ. މިއީ ޗައިނާގައި ހުރި ދެވަނައަށް އެންމެ ދިގު އިމާރާތެވެ.