ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެ ތަނުގެ އެއްބަސްވުން އާބަންކޯއިން ބާތިލުކޮށްފި އެވެ.

އާބަންކޯއިން ބުނީ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓްގެ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށާއި އެ ދެތަން ހުސްކުރުމުގެ 14 ދުވަހުގެ ނޯޓިސްވެސް ފޮނުވާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެ ދެ އެޕާޓްމަންޓަށް މިހާތަނަށް ދައްކަން ޖެހޭ ފައިސާ އެއް މަސް ދުވަހު ތެރޭގައި ދެއްކުމަށް ވެސް އަންގާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހިޔާގެ ދެ ފްލެޓް އެއްކޮށްލައި ހަދާފައިވާ އެޕާޓްމެންޓް. ފޮޓޯ: ޓްވިޓާ

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން 4 ކޮޓަރީގެ އެޕާޓްމަންޓެއް ހަދާފައިވާ މައްސަލަ ފެންމަތިވުމާއެކު އާބަންކޯއިން ވަނީ އެ ދެ ފްލެޓުގެ ވެރިފަރާތް 200،000.00 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އައިރު އެ ޖޫރިމަނާ ދައްކާފައި ނުވެ އެވެ.

ހިޔާގެ ދެ ފްލެޓު އެއްކޮށްލައި މަތީ ފެންވަރުގެ އެޕާޓުމެންޓެއް ގޮތަށް އެ ތަން ތަރައްގީކޮށްފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

ދެ ފްލެޓް އެއްކޮށްލައި އެޕާޓުމެންޓް ތަރައްގީކުރީ ހިޔާ ފްލެޓުތަކުގެ ވެރިންގެ ހައްގުގައި މަސައްކަތްކުރާ ހިޔާ ޔޫނިއަން ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ޝަމާލް އާއި އޭނާގެ ތިމާގެ މީހެއް ކަމަށްވެ އެވެ.