ސިންގަޕޫރް އެއާލައިންސް (އެސްއައިއޭ)ގައި މަސައްކަތްކުރާ މުވައްޒަފުނަށް އަހަރީ ބޯނަސް ގޮތުގައި 8 މަހުގެ މުސާރަ ދީފި އެވެ.

ބިޒްނަސް ޓައިމްސް ނޫހުގައި ބުނެފައިވާ ގޮތުގައި އެސްއައިއޭގައި މަސައްކަތް ކުރާ ޝަރުތު ހަމަވާ މުވައްޒަފުންނަށް 6.65 މަސް ދުވަހުގެ މުސާރައާ އެއްވަރުގެ ބޯނަހެއް ވަނީ ދީފަ އެވެ. މީގެ އިތުރުން ކޮވިޑްގެ ދުވަސްވަރު މުވައްޒަފުން ކުރި ބުރަ މަސައްކަތް އަގު ވަޒަން ކުރުމުގެ ގޮތުން 1.5 މަސް ދުވަހުގެ މުސާރައާ އެއްވަރުގެ އިނާޔަތެއް ވަނީ ދީފަ އެވެ. އަދި ސީނިއާ މެނޭޖްމަންޓަށް ބޯނަސް ނުލިބޭނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މާޗް 31 ގައި، ނިމުނު އަހަރު ސާފު އާމްދަނީގެ ގޮތުގައި 2.16 ބިލިއަން ސިންގަޕޫރު ޑޮލަރު (1.62 ބިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

ސިންގަޕޫރު އެއާލައިންސް އާއި އެ ކުންފުނީގެ ބަޖެޓް އޮފްޝޫޓް ސްކޫޓުން މި އަހަރު 26.5 މިލިއަން ފަސިންޖަރުން އުފުލާފައިވާއިރު، މިއީ 2022 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް 12 މަހަށް ވުރެ ހަ ގުނަ އިތުރު އަދަދެކެވެ.

ސިންގަޕޫރު އެއާ އިން ބުނީ އޭޕްރީލް މަހު 1.75 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މަހާ އަޅާބަލާއިރު %53 އިތުރު އަދަދެއް ކަމަށް އެއާލައިނުން ބުނެ އެވެ.