ޟެއިންއަކީ މިހާރު ދުނިޔޭގައި އެންމެ މަގްބޫލު އޮންލައިން ފެޝަން ބްރޭންޑް ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އެ ކުންފުނީގެ ޚިދުމަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެ އެވެ.

އެހެން ނަމަވެސް މި ބޮޑު ކުންފުނީގެ އަނދިރި ފަރާތް މިވަނީ މިހާރު ދުނިޔެއަށް ހާމަވެފަ އެވެ. ޗެނަލް 4 އިން ގެނެސްދިން ޑޮކިއުމެންޓްރީ އެއްގައި ޝެއިން ކުންފުނީގެ ފަރުދާގެ ފުރަގަހުގައި ހިނގާ ބައިވަރު ކަންތައް ވަނީ ކިޔައިދީފަ އެވެ.

އެންމެ ފާހަގަ ކޮށްލެވޭ ކަމަކަށް އެ ޑޮކިއުމެންޓްރީގައި ބުނެފައިވަނީ ކުންފުނީގެ މެނޭޖްމަންޓުން އެތަނުގެ މުވައްޒަފުންނާ މެދު ކަންތައް ކުރާ ގޮތެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް 500 އަށްވުރެ ގިނަ ހެދުން އެ ކުންފުނިން އުފައްދާއިރު ކޮންމެ ދުވަހަކު ވެސް 18 ގަޑިއިރަށްވުރެ ގިނަ ވަގުތު މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

މި ބުރަ މަސައްކަތުގައި އުޅޭއިރު ވެސް ފަހާ ކޮންމެ ހެދުމަކަށް ކުންފުނިން މުވައްޒަފުންނަށް ދެނީ އެންމެ ތިން ޕައުންޑް ކަމަށް ވެސް އެ ޑޮކިއުމެންޓްރީގައި ހާމަކުރެ އެވެ.

މީގެ އިތުރުން މަސައްކަތުގެ މާހައުލު ވެސް އެކަށީގެންނުވާ ކަމަށާއި މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ލިބެންޖެހޭ ޚިދުމަތްތައް ވެސް ރަނގަޅަށް ނުލިބެ އެވެ.

މިފަަދަ ތުހުމަތުތަކެއް ޝެއިންއަށް ކޮށްފައިވާއިރު އެކުންފުނިން ވަނީ އެ ހުރިހާ ތުހުމަތެއް ދޮގުކޮށް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.