މިއަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުއްވާލެއްވި ފުރުސަތުގައި މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮތުމުގެ ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު އެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފަ އެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާއްމުކުރައްވާފައިވާއިރު، މި ލިސްޓުގައިވާ ގޮތުން 282755 މީހުންނަށް ވޯޓުލުމު ހައްގު ލިބިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138347 އަންހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެއްވި 30 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ދެ ވަނަ ދުވަހަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް 27 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މަރުވެފައިވާ މީހުން ވޯޓާސް ލިސްޓުގައި ހިމެނޭތީ ހުށަހެޅި 21 ޝަކުވާ އާއި، 18 އަހަރު ނުފުރޭ ކުއްޖެއްގެ ނަން ހިމެނޭ ޝަކުވާއެއްގެ އިތުރުން ލިސްޓުގައި ނަން ނެތުމުގެ 3 ޝަކުވާއަކާއި އެޑްރެސް ބަދަލުވެގެން ހުށައަޅާފައިވާ ދެ ޝަކުވާއެއް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ޝަކުވާ ހުށަހެޅުމަށް ހުޅުއްވައިލައްވައފައިވާ މުއްދަތުގައި މިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ. މިކަމުގައި ޢާންމު ފަރުދުންނާއި، ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.