ސައުދީގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން" އަކީ ސައުދީ އަރަބިއާގެ ޝާހީ އާއިލާގެ އަމީރާއެއްގެ ދަރިކަލެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.
މި މައްސަލާގައި "ފޭކު ޕްރިންސް" އަކާ ބައްދަލުކުރިކަމަށް ބުނެ އާއްމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް އޮފީހުގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން އެ ބައްދަލުވުމުގެ ހަބަރުތަކާއި ފޮޓޯތައް އަދި ވީޑިއޯތައް ޑިލިޓް ކޮށްލާފަ އެވެ.
ފަހަދް ރާއްޖެ އައީ ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އޭރުވެސް އޭނާ އަކީ ސައުދީގެ ޕްރިންސެއް ނޫންކަމަށް ނޫސްތަކުން ރިޕޯޓްކުރި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވަނީ މިނިސްޓަރާ ތިން ސުވާލެއް ކުރައްވާފަ އެވެ. އެއީ:
- ސައުދީ އަރަބިއާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ 5 މޭ 2025 ގައި ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ ޕްރިންސް ފަހަދް އަލް ސައުދު ޝަލަން އަކީ ސައުދީ އަރަބިއާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ؟
- އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ނުވަނީ ކީއްވެގެންތޯ؟
- އެފަރާތަކީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާން ކޮށްފައިވަނީ ހަގީގަތާ ހިލާފަށް ނަމަ ދިވެހި ރާއްޖެއާއި ސައުދީ އަރަބިއާ އާ ދެމެދު އޮތް ހާރިޖީ ގުޅުމަށް މީގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟
މެންބަރުގެ މި ސުވާލުތަކަށް ޖަވާބުދެއްވަމުން ހަލީލު ވިދާޅުވީ، ފަހަދް އަލް ސައުދަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއްކަމަށާއި، ރާއްޖެއަށް އޭރުގައި ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރުފުޅެއްގައި އަމިއްލަ ބައެއް މަސައްކަތްތައް ކުރެއްވުމަށް ކަމަށެވެ.
"ފަހަދް އަލް ސައުދަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް. ރާއްޖެއަށް އޭރުގައި ވަޑައިގެންނެވީ ވިޔަފާރީގެ ދަތުރުފުޅެއްގައި އަމިއްލަ ބައެއް މަސައްކަތްޕުޅުތައް ކުރެއްވުމަށްޓަކައި ވަޑައިގެންފައިވަނީ. އެނގިވަޑައިގަންނަވާނެ، ރާއްޖެއަށް ވަޑައިގެންފައިވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތަށާއި، އަދި އެކަމުގައި ޝާމިލުވާ އެހެން ބޭބޭފުޅުންނާ އެއްކޮށް ކުރެވުނު ބައެއް މަސައްކަތްޕުޅު ތަކުގައި ބައިވެރިވެވަޑައިގަތުމުގެ ބޭނުމުގައި ވަޑައިގެންފައިވަނީ" ހަލީލު ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ ރަސްމީކޮށް ނުވަތަ ނުރަސްމީކޮށްވެސް ބޭފުޅަކު ވަޑައިގަންނަވާނަމަ، ބައިވެރިކުރާނީ އަދި ނުކުރާނީ ކޮން ބައެއްތޯ ކަނޑައެޅުމުގެ އިހްތިޔާރު ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ.
އާއްމުގޮތެއްގައި ރަސްމީ ކަމެއްގައި ވަޑައިގަންނަވާއިރު، ކޮންމެ ބޭފުޅަކުވެސް ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ހާރިޖިއްޔާ ތަމްސީލުކުރައްވާ ފަރާތްތަކަށް ދައުވަތު ދެމުންގެންދިޔަ ނަމަވެސް ފަހަދް ރާއްޖެ ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށްވާތީ އެބައްދަލުވުން ކުރިއަށް ގެންދިޔައީ ރައީސް ކަނޑައަޅުއްވާ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެން ކަމަށެވެ.
މިއާއެކު ހަލީލު ވަނީ ސައުދީ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުންތަކަށް ބަދަލެއް ނާންނަކަމަށާއި، ގުޅުންތައް ކުރިއަށްދަނީ ވަރަށް ވަރުގަދަކޮށް ކަމަށް ވިދާޅުވެފަ އެވެ.