ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ ކޮވިޑަށް ޕޮޒިޓްވެގެން ފަރުވާދެމުން ގެންދަނިކޮށް މިރޭ އަވަހާރަވެއްޖެ އެވެ.

އާއިލާގެ މެމްބަރަކު ވިދާޅުވީ އޭނާއަށް ކޮވިޑް ޖެހުނުކަން އެނގުނީ، ލ. އަތޮޅަށް އާއިލާއާ އެކު ކުރެއްވި ޗުއްޓީ ދަތުރެއްގައި އެ އަތޮޅު ކުޑަފުށީގައި ކަރަންޓީނުގައި ހުންނަވަނިކޮށް ބަލީގެ އަލާމަތްތަކެއް ފެނިގެން ޓެސްޓް ކުރުމުން ކަމަށެވެ. އޭގެ ފަހުން މުޖުތާޒު ލ. ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ އެވެ.

މުޖުތާޒު 61، އަވަހާރަވީ ހާލުދެރަވެގެން މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް މިރޭ ދަންވަރު 2:00 ހާއިރު އެވެ.

ޝަރުއީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މުޖުތާޒަކީ އިންތިގާލީ މަރުހަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މުޖުތާޒު ވަނީ ކުރީގެ މަދަނީ ކޯޓުގެ އިސް ގާޒީކަން ވެސް ކުރައްވައިފަ އެވެ. އަދި އޭނާގެ ދަރިކަލުން އަޒްހާން ފަހުމީ ވަނީ މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. މީގެ އިތުރުން މުޖުތާޒަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މުހުތާޒު ފަހުމީގެ ބޭބެ އެވެ.