ޝާހްރުކް ޚާނަކީ ފިލްމީ ދާއިރާގެ އިތުރުން އިޖުތިމާއީ ކަންކަމުގައި އޭނާ ކުރާ މަސައްކަތުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.

އެގޮތުން މިފަހުން ޝާހްރުކް ޚާން ވަނީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އޭނާގެ ސަޕޯޓަރަކަށް މާލީ އެހީވެދޭނެ ކަމަށް ވައުދުވެފަ އެވެ.

ވެސްޓް ބެންގާލްގެ ކެރްކަޑާއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ޝިވާނީ ޗަކްރަބޯތީއަކީ އަހަރުތަކެއް ވަންދެން ޓާމިނަލް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ.

ޝިވާނީ ވަނީ ހަޔާތުގައި އެއްފަހަރު ނަމަވެސް ޝާހުއާ ބައްދަލު ކޮށްލަން ބޭނުން ކަމަށް ބުނެ ސޯޝަލް މީޑިއާއަށް ވީޑިއޯއެއް ދޫކޮށްފަ އެވެ.

އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ ޝާހު ވަނީ އޭނާއާއެކު ވީޑިއޯ ކޯލެއް ކޮށް އޭނާގެ ބަލީގެ ފަރުވާއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވެފަ އެވެ.

40 މިނެޓަށްވުރެ ދިގު އެ ވީޑިއޯ ކޯލުގައި ޝިވާނީއާ ބައްދަލު ކުރާނެ ކަމަށް ޝާހު ބުނެފައިވާ ކަމަށް އިންޑިއާގެ ހަބަރުތަކުގައި ބުނެފައިވެ އެވެ.

ޝާހުގެ މި ދީލަތިކަމާއެކު ގިނަ ބަޔަކު އަންނަނީ އިންޓަނެޓުގައި އޭނާއަށް ތައުރީފު ކުރަމުންނެވެ.