މުޅި ދުނިޔޭގައި މިއަދު ފާހަގަކުރާ ދުނިޔޭގެ ވެލާ/ކަހަނބު ހިމާޔަތްކުރުމާ ބެހޭ ދުވަހާ ގުޅުވައިގެން ވެލާ އާލާކޮށް ދިރުވައި، ހިމާޔަތްކުރުމުގެ ޕްރޮގްރާމެއް ރިޒް-ކާލްޓަން މޯލްޑިވްސް، ޕަޓީނާ، ފަރި އައިލެންޑްސް އިން ފަށައިފި އެވެ.

އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) އާ ގުޅިގެން ކުރިއަށްދާ ޕްރޮގްރާމްގައި ވެލާ/ ކަހަނބު ހިމާޔަތްކުރުމާއި އެ ތަކެތީގެ މާހައުލް ރައްކާތެރިކުރުމާއި ދުނިޔެއިން މަދުވަމުންދާ ކަނޑުގެ މި ދުރުންތަކަށް ފަރުވާ ދިނުމާއި ވެލާ/ކަހނަބާ ގުޅޭ މައުލޫމާތު ހޯދައި ރިސާޗް ކުރުން ހިމެނެ އެވެ. ދެހާސް އެކާވީސް ވަނަ އަހަރު ރިޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް ހުޅުވުމާ އެކު އެ ރިސޯޓުން ވަނީ ތިމާވެއްޓަށް ދޭ އަހަމިއްޔަތުގެ ބައެއްގެ ގޮތުގައި ވެލާ/ކަހަނބު ހިމާޔަތްކުރުމަށް އިސްކަންދޭން ފަށައިފަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިނގިރޭސިވިލާތުގެ ޕީއެޗްޑީ ރިސާޗަރެއް ކަމަށްވާ އަދި ސަސްޓެއިނެބިލިޓީ މެނޭޖަރު މެލިއްސާ ޝީލީއާ ގުޅިގެންނެވެ.

ވެލާ/ކަހަނބު ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ރިސޯޓުން މިހާތަނަށް ވަނީ ކަނޑުގައި އޮޔާ ދެމޭ ދަލުގައި ތާށިވެފައިވާ އެތައް ވެލަޔަކާއި ކަހަނބެއް ސަލާމަތްކޮށްފަ އެވެ.

ރިޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް އާއި އޯއާރްޕީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓުގައި ވެލާ/ކަހަނބަށް ފަރުވާ ދޭނެ ވަގުތީ ފެސިލިޓީއެއް ހެދުން ހިމެނެ އެވެ. މި ފެސިލިޓީގެ ބޭނުމަކީ ހާލު ދެރަވެފައިވާ ވެލާތައް ރިސޯޓުގެ ޓީމުން ގެނެސް ބޭނުންވާ ފަރުވާ ދިނުމެވެ. އޭގެ ފަހުން އެ ތަކެތި ފޮނުވާނީ ބ. އަތޮޅުގައި ގާއިމްކޮށްފައިވާ މެރިން ޓާޓަލް ރެސްކިއު ސެންޓަރުގަ އެވެ. އެ ސެންޓަރުގައި ވެލަޔަށް ފަރުވާ ދޭނީ އޯއާރްޕީގެ ވެޓެރިނަރީ ޓީމަކުންނެވެ.

ރިޒްކާލްޓަން އިން ވަނީ ވެލާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއް ފަށާފައި

ދެހާސް ތޭރަވަނަ އަހަރު އުފެއްދި އޮލިވް ރިޑްލީ ޕްރޮޖެކްޓުގެ ބޭނުމަކީ ވެލާ، ކަހަނބު ހިމާޔަތްކޮށް އެ ތަކެތީގެ މާހައުލު ރައްކާތެރިކޮށް ދިނުމެވެ. އަދި ވެލަ އާއި ކަހަނބާ ގުޅޭ ސައެންޓިފިކް ރިސާޗް ހެދުމެވެ.

މި ޕްރޮޖެކްޓުގެ ދަށުން އޯއާރްޕީން ވަނީ ރާއްޖެ އިން 1،100 އަށް ވުރެ ގިނަ ބަލި ނުވަތަ ކޮންމެވެސް ގެއްލުމެއް ލިބިފައިވާ ވެލާ ހިމާޔަތްކޮށް ފަރުވާ ދީފަ އެވެ. މީގެ ތެރޭން 85 ޕަސެންޓަކީ އޮލިވް ރިޑްލީ ނުވަތަ ވާވޮށި ވެލަ އެވެ. ވެލައަށް އެންމެ ބޮޑަށް އަނިޔާ ލިބިފައި ވަނީ ދޫކޮށްލެވިފައިވާ ދާގަނޑުތަކުގައި ތާށިވެގެންނެވެ.

ރިސޯޓުން ފެށި ޑޭޓާ ރިސާޗް ޕްރޮޖެކްޓުގެ އެހީގައި، މި ގޮތަށް ދޫކޮށްލެވިފައި ހުންނަ ދާގަނޑުތަކާއި ޕްލާސްޓިކް ހުންނަ ހިސާބުތައް ދެނެގަންނާނެ އެވެ. މި މައުލޫމާތުގެ އެހީގައި ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން އެދެވޭ ހެޔޮ ބަދަލެއް ގެނެވޭނެ އެވެ. ރިސޯޓުގެ ޑްރޯން ޓެކްނޮލޮޖީގެ އެހީގައި ދެނެގަނެވޭ މިފަދަ ދާގަނޑުތަކާއި ޕްލާސްޓިކް ހޯދާ ނައްތާލާނެ އެވެ.

ރިޒްކާލްޓަން މޯލްޑިވްސް

އޯއާރްޕީއާ ގުޅިގެން ހިންގާ ޕްރޮގްރާމުގެ ދަށުން ވެލާ/ކަހަނބު ހިމާޔަތްކޮށް، އެ ތަކެއްޗަށް ފަރުވާ ދިނުމުގައި ރިސޯޓް ކޮމިއުނިޓީ ހޭލުންތެރިކޮށް އަހުލުވެރި ކުރުވާނެ އެވެ. މި މައުލޫމާތު ރިސޯޓުގެ ސްޓާފުންނާއި ގެސްޓުން އަދި ލޯކަލް ކޮމިއުނިޓީ އަށް ވެސް ފޯރުކޮށްދޭނެ އެއްޗެކެވެ.

އޮލިވް ރިޑްލީ ޕްރޮޖެކްޓް

އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) އަކީ އިންގްލޭންޑް، ވޭލްސް އަދި ދިވެހި ރާއްޖޭގައި 2013 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ޗެރިޓީއެކެވެ. އެ ޖަމާއަތުގެ މަގްސަދަކީ ވެލާ، ކަހަނބު ހިމާޔަތްކޮށް، އެ ތަކެތީގެ މާހައުލު ރައްކާތެރިކޮށް، ވެލާ، ކަހަނބާ ގުޅޭ ސައެންޓިފިކް ރިސާޗް ހެދުމާއި އެ މައުލޫމާތު އާއްމު ކުރުމެވެ.

ރިޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް

ރިޒް-ކާލްޓަން މޯލްޑިވްސް، ޕަޓީނާ، ފަރި އައިލެންޑްސް އޮންނަނީ ރާއްޖޭގެ މައި އެއާޕޯޓުން ސްޕީޑް ލޯންޗުގައި 45 މިނިޓް އަދި ސީޕްލޭންގައި 10 މިނިޓުން ދެވޭ، މާލޭގެ އުތުރުގަ އެވެ. ކެރީ ހިލް އާކިޓެކްސް އިން ޑިޒައިންކޮށްފައިވާ ޕްރޮޕަޓީގައި އެއްގަމާއި މޫދު ކޮޓަރިތައް ވެސް ހިމެނެ އެވެ. މި ވިލާތަކުގައި އެއް ކޮޓަރިން ފެށިގެން ތިން ކޮޓަރި ހިމެނެ އެވެ. ބައިނަލްއަގުވާމީ އަދި ދިވެހި ކެއުންތައް ލިބޭ މި ރިސޯޓުގެ އެގްޒެކެޓިވް ޝެފަކީ ގްލެން ކޫޕާ އެވެ. ރިސޯޓުގައި ފިޓްނަސް އާއި މުނިފޫހިފުލުވުމުގެ ފެސިލިޓީތަކުގެ އިތުރުން ސްޕާގެ ޚިދުމަތް ވެސް ލިބެ އެވެ.

ރިޒް-ކާލްޓަން ހޮޓެލް ކޮމްޕެނީ، އެލްއެލްސީ

ރިޒް-ކާލްޓަން އަކީ މެރިއޮޓް އިންޓަނޭޝަނަލްގެ ސަބްސިޑަރީއެކެވެ. ރިޒް-ކާލްޓަން އިން މި ވަގުތު ދުނިޔޭގެ 32 އަށް ވުރެ ގިނަ ގައުމާއި ޓެރިޓަރީގައި 100 އަށް ވުރެ ގިނަ ހޮޓާ ހިންގަ އެވެ.

މެރިއޮޓް އިންޓަނޭޝަނަލް

އެމެރިކާގެ މެރީލޭންޑުގައި މައި މަރުކަޒު ހުންނަ މެރިއޮޓް އިންޓަނޭޝަނަލްގެ ދަށުން 133 ގައުމާއި ޓެރިޓަރީގައި 30 އަށް ވުރެ ގިނަ ބްރޭންޑް ނަމުގެ ދަށުން 7،600 އަށް ވުރެ ގިނަ ޕްރޮޕަޓީ ހިންގަ އެވެ. މެރިއޮޓުން މުޅި ދުނިޔޭގައި ހޮޓާ ހިންގަ އެވެ.