ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ޕާޓީ އުފައްދަން ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ އާދިއްތަ ދުވަހު އެވެ. ކޮމިޝަނުގެ ޖަލްސާއަކުން މިއަދު ނިންމައި އެ ހުއްދަ މެންދުރު ބާއްވާ ރަސްމިއްޔާތެއްގައި ހަވާލުކުރަން އޮތީ ނިންމައިފަ އެވެ.

ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ލިޔުން އިލެކްޝަންސް ކޮމިޝަނުން މިއަދު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

މިކަމާ ގުޅިގެން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަޖިލިސް މެންބަރުން، އެ ހުއްދަ ހޯދުމަށް މިހާރު ވަނީ އިލެކްންސް ކޮމިޝަނަށް ވަޑައިގެންފަ އެވެ.

އެމްޑީޕީ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ހަރަކާތް ހިންގުމަށް ފަހު، އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ރައީސް ނަޝީދުގެ ސިޔާސީ ވާގިވެރިން ޕާޓީއެއް އުފެއްދި ނަމަވެސް އެމަނިކުފާނު އަދިވެސް އެމްޑީޕީން ވަކިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު މި ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭ ނަމަ، އެއީ ރައީސް ނަޝީދު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.