ކުލަޔާއި ނަން ނަކަލު ކުރިކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ، މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ފާޑުކިޔައިފި އެވެ.
ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު އިލެކްޝަން ކޮމިޝަނުން ވަނީ ދީފަ އެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ ފޯމް އިލެކްޝަނާ ހަވާލުކުރި ދުވަހު އެ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވި މަޖިލިސް 12 މެމްބަރުން ބޭނުން ކުރައްވާފައިވަނީ އެމްޓީޑީން ވެސް ބޭނުންކުރާ ކަހަލަ މަޑު ނޫކުލައިގެ ޓައީ އެކެވެ. ނަމަވެސް، ދަ ޑިމޮކްރެޓްސްގެ ކުލަ ރަސްމީކޮށް އަދި އިއުލާން ނުކުރެ އެވެ.
"ދަ ޑިމޮކްރެޓްސް" އަށް ފާޑު ވިދާޅުވެ އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޕާޓީގެ ރައީސް އަހުމަދު އަދީބު، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމާއި ފިކުރާއި ކުލަތައް ލިޔުއްވައި އިޚްތިޔާރު ކުރެއްވީ ދޫނިދޫގައި އެކަހެރި ގޮޅިއެއްގައި ހުންނަވައިގެން ކަމަށެވެ. އަދި އެ ނަން އަދީބު އިޚްތިޔާރު ކުރެއްވީ ޑިމޮކްރެޓިކް ސިޔާސީ ފިކުރުތައް ފުރިހަމައަށް ގަބޫލުކުރައްވާތީ ކަމަށާއި ޕާޓީގެ ކުލަ ކަމަށްވާ ސްކައި ބްލޫ އިޚްތިޔާރުކުރީ، ތިން އަހަރު ވަންދެން އަދީބުގެ ގޮޅިން އޭނާއަށް ފެނުނު ހަމައެކަނި އުއްމީދަކީ އެއީ ކަމަށްވާތީ ކަމަށް އެމްޓީޑީން ބުންޏެވެ.
“އެހެން އާ ސިޔާސީ ޕާޓީތަކުގެ ނަންތަކާއި ކުލަތައް އަޅުގަނޑުމެންގެ ފަރާތުން އިންސްޕަޔާވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” އެމްޓީޑީން ބުންޏެވެ.
އެހެން ނަމަވެސް އާ ސިޔާސީ ޕާޓީތަކެއް އުފައްދަވާއިރު، އެބޭފުޅުންގެ އަމިއްލަ ނަންތަކާއި ކުލަތައް ގެނެސްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްޓީޑީން ބުންޏެވެ.