ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުން ނިންމާފައި ވަނީ ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ އަންނަ ބުދަ ދުވަހު ކުރިއަށް ގެންދިޔުމަށެވެ. ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ. އަދި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ.
ރިފްއަތާއި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ގުޅިގެންނެވެ. އިދިކޮޅު އިއްތިހާދުން ބުނަނީ ޗާގޯސް މައްސަލައިގައި ރިފްއަތާއި ޝާހިދުގެ ބައިވެރިވުން އޮވެގެން އަމަލުކުރި ގޮތުން ރާއްޖެއަށް ލިބެންޖެހޭ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލިފައިވާ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީގެ މެންބަރުންނެވެ. ސަބަބެއް ކަމަށް އެ ޕާޓީން ބުނީ އީވާ އެ ޕާޓީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފައިވުމެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސް ކުރެވޭނީ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެމްޑީޕީން އެ މައްސަލަ ހުށަހެޅީ 50 މެމްބަރުންގެ ސޮޔާ އެކު އެވެ.