ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ އެކުވެސް ތާރީހު ކުރިއެރުންތަކެއް ހާސިލްކުރެވި، ފޮނި ނަތީޖާތަކެއް ނެރެވިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ހަސަން ޝާހު މިފަދައިން ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ހެންވޭރު ދަނޑުގައި ހާއްސަ ރަސްމިއްޔާތެއް ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އެމްޑީ ޝާހު ވިދާޅުވި ގޮތުގައި ކުންފުނީގެ ހުރިހާ އޮޕަރޭޝަން ސެންޓަރުތަކުން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތް އިތުރައް ތަރައްޤީކޮށް، ހިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ވަކިން ހާއްސަ ގޮތެއްގައި، ރާއްޖޭގެ 32 ރަށެއްގައި ފެނާއި ނަރުދަމާ މަސައްކަތް ކުރަމުން އަންނައިރު މިހާރު ބައެއް ރަށްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ. މީގެ އިތުރުން އެމްޑީ ޝާހު ވަނީ ވޭތުވެދިޔަ އަހަރު އެމްޑަބްލިޔުއެސްސީއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފަ އެވެ.

އޭޕްރީލު 1، 1995 ގައި އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައި ވަނީ މާލޭގެ އިތުރުވަމުން ދިޔަ އާބާދީއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކަ އެވެ. ނަމަވެސް މިއަދު ކުންފުންޏަށް 28 އަހަރު ފުރިގެން ދިޔައިރު އެމްޑަބްލިޔުއެސްސީ އަކީ ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދޭ ކުންފުޏެއްގެ އިތުރުން ރާއްޖޭގައި ފުޅާދާއިރާއެއްގައި އިންޖީނިއަރިން އަދި މެނުފެކްޗަރިންގެ މަސައްކަތް ކުރަމުންދާ އެއް ކުންފުންޏެވެ.

ޗެއާރމަންސް އެވޯރޑް ފޯރ އެކްސެލެންސް އެވޯޑް ލިބުނު ފަރާތްތައް ނައިބް ރައީސް ފައިސަލް ނަސީމް ހަވާލުކޮށްދެއްވަނީ

އެމްޑަބްލިޔުއެސްސީ އިން ގްރޭޓަރ މާލޭ ރީޖަންގެ އިތުރުން ކ. މާފުށި، ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެއްވަމުން އަންނައިރު ރ. ދުވާފަރުގައި މިކުންފުނިން އަންނަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެސް ކުރަންމުންނެވެ.

އެމްޑަބްލިޔުއެސްސީގެ މުއައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކު ވެސް، އެ އަހަރެއްގެ އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސަ އެވޯޑްތަކެއް ވަނީ މިރޭގެ ހަފްލާގައި ދެވިފަ އެވެ. އަދި މި ހަފުލާގައި ކުންފުނިން ދެވޭ އެންމެ ޚާއްސަ އެވޯޑް، ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް އެވޯޑްވެސް ވަނީ ދީފަ އެވެ.

މިއެވޯޑް އަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްގީއަށް ފާހަގަކުރެވޭ، އަގުހުރި، އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮއްދެއްވާފައިވާ ފަރާތަކަށް ދެވިގެންދިޔަ އެވޯޑެކެވެ.

އެމްޑަބްލިޔުއެސްސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.