ބޮލީވުޑްއަށް ލޯބިކުރާ ގިނަ މީހުންނަށް މިއަހަރު ލިބގެންދިޔަ އެންމެ ބޮޑު އެއް އުފަލަކީ އެދާއިރާގެ އެންމެ މަގްބޫލު ދެ ފަންނާނުން ކަމަށްވާ ޝާހްރުކް ޚާނާއި ސަލްމާން ޚާން އެކުގައި ޕަތާންގެ މަންޒަރަކުން ފެނުމެވެ.

މި ދެ ތަރިން އެކުގައި ފެނިލި ފެނިލުމަށް ލިބުނު ހޫނު ތަރުހީބާއެކު ބޮލީވުޑްގެ ޕްރޮޑިއުސަރުން ވަނީ މި ދެ ތަރިން އެކުގައި ފިލްމަކުން ދައްކާލުމަށް ޝައުގުވެރިވެފަ އެވެ.

އެއާއެކު ޕަތާން ވާސަސް ޓައިގާގެ ނަމުގައި ފިލްމެއް އިއުލާންކޮށް އެ ފިލްމުގައި ޝާހުއާއި ސަލްމާން ފެނިގެންދާނެ ކަމަށް މީގެ ކުރީގެ ހަބަރުތައް ވަނީ ބުނެފަ އެވެ.

މިހާރު މި ފިލްމާ ބެހޭ ގޮތުން އިވޭ އެންމެ ފަހުގެ ވާހަކަ އަކީ އެ ފިލްމުގެ ބަތަލާއިންގެ ރޯލަށް ދީޕިކާ ޕަދުކޯންއާއި ކެޓްރީނާ ހަމަޖެހުނު ވާހަކަ އެވެ.

ކެޓްރީނާއަކީ ސަލްމާނާއެކު ޓައިގާ ފިލްމު ޕްރެންޗައިޒްގެ ފިލްމުތަކުގެ ބަތަލާއަށް ވާއިރު ދީޕިކާއަކީ ޝާހުރުކް ޚާންގެ އެންމެ ފަހުގެ ފިލްމު ޕަތާން ގެ ބަތަލާ އެވެ.

ޝާހުއާއި ސަލްމާން އެކުގައި ލީޑު ރޯލުން އެންމެ ފަހުން ފެނިގެން ދިޔައީ 1990ގެ އަހަރުތަކުގައި ނުކުތް ކަރަން އަރްޖުން އިންނެވެ. އޭގެ ފަހުން އެކަކު އަނެކަކުގެ ފިލްމުތަކުގައި ހާއްސަ ފެނިލުންތަކުން ދެ ތަރިން ވެސް ފެންނަމުން ދެ އެވެ.