މިޔަރު ދިރާސާކުރުމާއި ހިމާޔަތްކުރުމަށް ހާއްސަކޮށްގެން ރާއްޖޭގައި ގާއިމުކުރި ފުރަތަމަ މަރުކަޒު، "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކުގައި އިއްޔެ ރަސްމީކޮށް ހުޅުވައިފި އެވެ.
"ދަ މިޔަރު ޕްރޮގްރާމް" އިން އިސްނަގައިގެން ގާއިމުކުރި މި ސެންޓަރު ހުޅުވައިދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ބުނިގޮތުގައި، މި މަރުކަޒުގެ މައިގަނޑު ބޭނުމަކީ މިޔަރާ ގުޅޭ އިލްމީ ދިރާސާތައް ކުރުމާއި، އެކަމާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުގެ އިތުރުން އާ އީޖާދުތަކަށް މަގުފަހިކޮށްދިނުމެވެ.
ޖެނުއަރީ 2023 ގައި އުފެއްދި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން ދަނީ ރާއްޖެއާއި ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މިޔަރުގެ އާބާދީ ދިރާސާކުރުމާއި، އެ ތަކެތި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އެ ޖަމިއްޔާއިން ދަނީ ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ. މި އާ ހަބަކީ އެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ޝާކް ޕޮއިންޓުގެ ގޮތުގައި ފުވައްމުލައް ހެދުމަށް އެ ރަށުގެ ކައުންސިލާއި ޑައިވިން ސެންޓަރުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އޭޝިއާގެ އެންމެ ބޮޑު ޑައިވިން އެކްސްޕޯގައި ފުވައްމުލަކަށް ވަނީ 'ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން' ގެ އެވޯޑު ލިބިފަ އެވެ. ރާއްޖެއިން އާންމުކޮށް ނުފެންނަ ގިނަ ބާވަތްތަކުގެ މިޔަރާއި މަޑި ފުވައްމުލަކު ކަނޑުން ފެންނާތީ، މިޔަރުތައް ގާތުން ބަލައިލުމަށް ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އެ ރަށަށް ޒިޔާރަތްކުރެ އެވެ.
ފޭސް 3 ގައި 1000 ފްލެޓް އަޅަން ފަސް ކުންފުންޏަކާ ހަވާލުކޮށްފި
މެޗަށްފަހު އާޖެންޓީނާގެ ކަނޑުގެ ސަރަހައްދަށް އިނގިރޭސި މަނަވަރެއް
ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެމްއޯޔޫއެއް
