އައިސްކްރީމަށް ލޯބި ކުރަން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ މިއީ ތިބާއަށް ކަމުދާނެ އައިސް ކްރީމެކެވެ. އެހެން ނަމަވެސް ރަހަމީރު އެ އައިސްކްރީމްއާއި ތިބާއާ ދެމެދު ހުރަހަކަށް ވާނީ އޭގެ އަގެވެ.

ޖަޕާނުގެ ސެލާޓޯ ބްރޭންޑުގެ މި އައސްކްރީމަކީ ދުނިޔޭގެ އެންމެ އަގުބޮޑު އައިސް ކްރީމްގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ޖާގަ ހޯދާފައިވާ އައިސްކްރީމް އެވެ. މީގެ ކޮންމެ ސްކޫޕެއްގެ އަގަކީ 6،696 އެމެރިކާ ޑޮލަރެވެ.

ދެން އުފެދޭ ސުވާލަކީ އާދައިގެ އައިސްކްރީމެއްގެ އަގު އެހާ ބޮޑުވާންވީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ. އެ ސުވާލަށް ވެސް ސެލާޓޯއިން ވަނީ ޖަވާބު ދީފަ އެވެ.

މި އައިސްކްރީމް ތައްޔާރު ކުރުމުގައި ދުނޔޭގައި މަދުން ނޫނީ ނުއުފައްދާ އަގުބޮޑު އުފެއްދުންތައް ބޭނުން ކުރެ އެވެ. އޭގެ ތެރޭގައި ވައިޓް ޓްރަފްލް، ސޭކް ލީސް އަދި ޕާމިޖިއާނޯ ރެގިއާނޯ ނަމަކަށް ކިޔާ އުފެއްދުމެއް ހިމެނެ އެވެ.

މި އައިސްކްރީމްގެ ރަހަ ބެލި މީހުން ބުނާ ގޮތުގައި އޭގައި އެހެން އައިސްކްރީމްތަކާ ޚިލާފު މަޑު މީރު ރަހައެއް ހުރެ އެވެ. އަދި ހަމައެއާއެކު ފަސޭހަކަމާއެކު އަނގައަށް ވިރިގެން ދެ އެވެ.

ސެލާޓޯއިން އިތުރަށް ބުނީ އެ އައިސްކްރީމްގެ އިތުރު ފްލޭވާތައް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަސް މުސްތަގުބަލެއްގައި އެ ފްލޭވާތައް ވެސް ބާޒާރަށް ނެރޭނެ ކަމަށެވެ.