އެމްޑީޕީގެ ސްލޮޓެއްގައި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު މުޖުތަބާ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރުމުން މިއަދު މަގާމުން ވަކިކޮށްފި އެވެ.
މިއަދު ވަނީ މުޖުތަބާ ޑިމޮކްރެޓްސް އަށް ސޮއިކުރުމުން އޭނާގެ މަގާމުން ވަކިކޮށްފަ އެވެ. އަދި އޭނާ އެމަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ ރައީސް އޮފީހުން ވަނީ އޭނާ އަށް ސިޓީ އެއް ފޮނުވާފައެވެ. އެސިޓީގައި ވަނީ އޭނާ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރާ މީހުން ސަރުކާރުން ވަކިކުރަން ވަނީ ފަށާފަ އެވެ.
އެމްޑީޕީގެ ރައީސް މުަހއްމަދު ނަޝީދު އުފައްދަވަން މަސައްކުރާ ދަ ޑިމޮކްރެޓްސް އަށް ޕާޓީ ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ. އަދި އެޕާޓީން ގެންދަނީ ޕާޓީ އަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޑީޕީގައި ތިބި ބައެއް މެމްބަރުން މިހާރު ގެންދަނީ އެޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ބައެއް މީހުން ހިމެނެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "ހުރިހާ" އަށް ވިދާޅުވީ އެމްޑީޕީގެ ސްލޮޓް ތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އެ ބޭފުޅުން ސަރުކަރުގެ މަގާމުތަކުން ވަކިކުރަނީ އެމްޑީޕީން އެއީ އެޕާޓީގެ މެމްބަރުން ނޫން ކަމަށް އެންގުމުން ކަމަށް މިއުވާން ވިދާޅުވި އެވެ.