ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ޒިޔާރަތް ކުރާ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިކަން ކުރުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 104 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ.

އެގޮތުން 12 ބޭފުޅުންގެ އަގްލަބިއްޔަތުން ޖޫން މަހުގެ 15 ފެށިގެން, ޓޫރިސްޓް ވިސާ އޮންނަ ފަރާތްތަކަށް ވުރެ ކުޑަ ފީއެއް ވޯކް ޕާމިޓް އޮންނަ ބިދޭސީން އަތުން ނަގަން ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

ޖަލްސާގައި ވާހަދައްކަވަމުން މޭޔަރ ޑރ. މުއިއްޒު ވިދާޅުވީ މިކަމަކީ އެހެން ޤައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށާއި، އެއީ ތަހުޒީބީ ކަމެއްކަމަށެވެ. އަދި ބިދޭސީން އަތުން ފީއެއް ނެގުމަކީ ތަފާތުކުރުން ކަމަށް ނުބެލެވޭ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

”އެއީ ތަހުޒީބީ ކަމެއް، ތަފާތުކުރުން ކަމަކަށް ނުބެލެވޭ. ހަމަ ނޯމަލް ޕްރެކްޓިސްއެއް އެއީ“މޭޔަރު ވިދާޅުވި އެވެ.

މިއާއިއެކު މޭޔަރ ވަނީ މިހާރުވެސް ދެ ޕާކްގެ ގޭޓްވެސް ބަލަހައްޓަމުން ދާތީ މިއީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަލްޓަން ޕާކްގައި މިކަން އަލުން ފަށާއިރު ލޮނުޒިޔާރަތް ޕާކުގައި މިކަން ފަށަނީ މުޅިން އަލަށް ކަމަށް މޭޔަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ސަލްޓަން ޕާކާއި ލޮނު ޒިޔާރަތް ޕާކަށް ވަންނަ ބިދޭސީން އަތުން ފީނެގުން މިއަންނަ މަހުގެ 15 އިން ފެށިގެން ފެށުމަށްވަނީ ހަމަޖެހިފަ އެވެ.