ވަޒީފާގެ ބާޒާރުގައި ލިބެން ހުރި ގިނަ ވަޒީފާތަކަކީ އެ ވަޒީފާތަކުގައި ރޭގަނޑު ޑިއުޓީކުރުން ނުވަތަ ނައިޓް ޝިފްޓް އޮންނަ ވަޒީފާތަކެކެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިއީ ސިއްހީ ނަޒަރަކުުން ބަލާއިރު އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ޔޫރަޕިއަން ހާޓް ޖާނަލްގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ވަނީ ރޭގަނޑު ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހިތުގެ ހިނގުމަށް ބަދަލު ގެނުވައި ހިތުގެ ބައްޔެއް ކަމަށްވާ އާޓްރިއަލް ފިބްރިލޭޝަން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އިނގިރޭސިވިލާތުގައި ކުރިއަށް ދިޔަ މި ދިރާސާގެ ނަތީޖާތަކުން މުވައްޒަފުން ރޭގަނޑު ވަޒީފާ އަދާކުރުން ގިނަކުރި ވަަރަކަށް މި ބައްޔާއި އިތުރު ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. ނަމަވެސް މީގެ ތެރޭގައި ސްޓްރޯކް ޖެހުމާއި ހިތް ފެއިލްވުމެއް ނުހިމެނެ އެވެ.

ރޭގަނޑު ޑިއުޓީކުރި 286،353 މީހުންގެ މެދުގައިކުރި މި ދިރާސާއިން ދިހަ އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި 5،177 މީހުންނަށް މި ބަލި ޖެހުނުކަން އެނގިފައިވެ އެވެ.

ރޭގަނޑު ވަޒީފާއަދާކުރުމާއި ހިތުގެ ބަލިތަކާ އޮތް ގުޅުން ދެނެގަތުމަށް އިތުރު ދިރާސާތައްކުރަން ޖެހޭ ކަމަށް މި ދިރާސާގެ މާހިރުން ވަނީ ބުނެފަ އެވެ.