ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުން ދެންމެ ފާސްކޮށްފި އެވެ.
ނަޝީދު މަގާމުން ވަކިކުރަން މިހާރު ވަނީ ޕެޓިޝަންގައި ސޮއިކުރަން ފަށައިފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަޝްވަރާތައް ފަށާފައި މިވަނީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތިން ދުވަހަށް އެޖެންޑާކުރުމަށްފަހުވެސް މައްސަލައިގައި ގޮތެއް ނިންމިފައިނުވާތީ އެމްޑީޕީގެ މެންބަރުން މިއަދުގެ ޖަލްސާގައި އަޑުގަދަކޮށް ރައީސް ނަޝީދަށް މުގާބޭއަށް ގޮވާ އިހުތިޖާޖުކޮށްފައި ވަނިކޮށެވެ.
ޕްރެސް ކޮންފަރެންސެއްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލިސް ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނީ ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ރައީސް އަމަލުކުރައްވާ ގޮތުން ކަމަށެވެ. މިއީ މެމްބަރުންގެ ކަންބޮޑުވުން ހުރި މައްސަލައެެއް ކަމަށާއި މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޕީޖީ ގްރޫޕުގެ ނިންމުމަކަށް ވީ ނަޝީދު މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.