ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އުކުޅަހު ކައުންސިލް މެންބަރުން ވިދާޅުވެއްޖެ އެވެ.

އުކުޅަހު ކައުންސިލު މެންބަރުން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މިބައްދަލު ކުރެއްވުން އޮތީ، މިއަދު ހެނދުނު އުކުޅަހު ކޮންވެންޝަން ސެންޓަރުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ އުކުޅަހަށް ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއެކު ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ، މިހާރު ވެސް އުކުޅަހުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަމާ އަދި މަޝްރޫއުތައް ހިނގަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމުގައި ފާހަގަކުރައްވާފަ އެވެ. މިގޮތުން ރަށުގެ މަގުތައް ހެދުމުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާ ކަމަށް ވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.

ރަށުގައި ހައްލުކުރަން ހުރި ކަންކަމުގެ ތެރޭގައި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ސްކޫލުގެ އިދާރީ މަސައްކަތްތައް ކުރާނެ އެކަށީގެންވާ ޖާގަނެތުމާއި، ޒުވާނުންގެ މަރުކަޒެއް ނެތުމުގެ ދަތިކަމާއި، ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ތަފާތުތަކެއް ހުރުން ކައުންސިލުން ފާހަގަކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، އުކުޅަހުގައި ކައުސިލް އާ ޢިމާރާތެއް ކުރުން އިސްކަންދޭ ލިސްޓުގައި ހިމަނުއްވާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ފާހަގަކުރެވިފައިވާ ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.