އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމާ ހާވަލުވާން ތައްޔާރު ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެގުރޫޕުގެ ލީޑަރު އަސްލަމް ވިދާޅުވީ ޕީޖީ ގުރޫޕުން އެފަދަ ނިންމެއް ނިންމައިފި ނަމަ މަޖިލީހުގެ ރައީސް މަގާމު ހިތުގެ އަޑިން ގަބޫލުކުރައްވާނެ ކަމަށެވެ.

"އެކަމާ ގުޅޭގޮތުން ވަކި ގޮތަކަށް ނުވިސްނަން. ދެން ޕާލިމެންޓަރީ ގްރޫޕުން ނިންމަވާނީ. ޕާލިމެންޓަރީ ގްރޫޕުން އެފަދަ ނިންމުމެއް ނިންމަވައި ހަވާލުކުރަން ނިންމައިފިއްޔާ އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރާނަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް މިއަހަރު ނިމިގެންދާއިރު އޭނާ މެދުނުކެނޑި މަޖިލީހުގައި 19 އަހަރު ހޭދަކުރެވޭނެ އެވެ.

މީގެ އިތުރުން މިނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިކުރަން ނިންމީ އެހެން ގޮތެއް ނެތިގެން ކަމަށެވެ.

ޑިމޮކްރަސީ ކުރިއަރުވައި އިސްލާހަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައި ނަޝީދަށް އިހްތިރާމް ކުރެއްވި ނަމަވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން އެ ސިފަ މިހާރު ގެއްލިފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ، ނަޝީދުގެ އަމަލުތައް މިހާރު ފެންނަނީ ޑިމޮކްރަސީއާ ދުރު، އަމިއްލަ މަންފާ އަށް ގާނޫނުތަކާއި ގަވައިދުތައް މުގުރާލާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ހިނގަން ޖެހޭނީ ގާނޫނީ ހަމަތަކުގެ ތެރެއިން. ގަވައިދު ނެގެހެއްޓުމުގެ އެންމެ އިސް މަސްއޫލިއްޔަތު ހަވާލުކުރެވިފައި ވަނީ މަޖިލީހުގެ ރައީސްއާ،" އަސްލަމް ވިދާޅުވި އެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގެ އިންތިހާބަށް ފަހު، އޭރު އެކަތިގަނޑެއްގެ ގޮތުގައި އޮތް އެމްޑީޕީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން މަޖިލިސް ރައީސް ކަމަށް އެންމެ ފުރަތަމަ ނެރުނީ އަސްލަމް އެވެ. އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތީ، އެ މަގާމަށް ވާދަކުރެއްވި އަދި މިހާރު ނަޝީދު ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަށެވެ.

އެކަމަކު، އުފެދުނު ސިޔާސީ އޮއިވަރެއްގައި އެ ނިންމުން ބަދަލުކުރައްވައި މަޖިލިހުގެ ރައީސްކަމަށް ނަޝީދު ކުރިމަތިލައްވައި އޭނާ ހޮވީ އެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ފާސްވީ އަސްލަމް ވިދާޅުވި ގޮތުގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެ ޕާޓީގެ 36 މެމްބަރުންގެ ވޯޓާ އެކުގަ އެވެ.