ޓުވިޓާގެ އުސޫލުތަކާ ހިލާފުވެ، ހަމަނުޖެހުމަށް ގޮވާލާނެތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓް ދާއިމަށް ސަސްޕެންޑުކޮށްފި އެވެ.
ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތައް ވަދެ ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުލިބޭ ލިޔުންތަކެއް ޕޯސްޓްކުރެއްވި މައްސަލާގައި ޓްރަމްޕްގެ ފޭސްބުކާއި ޓުވިޓާ އެކައުންޓްތައް 12 ގަޑިއިރަށް ސަސްޕެންޑްކުރި އެވެ. އަދި ޓްވިޓާގެ އުސޫލަތަކާ ގަވައިިތަކާ ހިލާފުވެއްޖެ ނަމަ އެކައުންޓް ދާއިމަށް ބްލޮކްކުރާނެކަމުގެ އިންޒާރު ވެސް ޓުވިޓާއިން މިމަހުގެ ބުރާސްފަތި ދުވަހު ދީފައިވެ އެވެ.
ސޯޝަލް މީޑިއާގައި އެންމެ ނުފޫޒު ގަދަ އެއް ޕްލެޓްފޯމް ކަމަށްވާ ޓުވިޓާއިން ޓްރަމްޕުގެ އެކައުންޓް ބްލޮކްކުރިކަން އިއުލާންކޮށް އެންގި އެންގުމުގައި ވަނީ އެ އެކައުންޓް ބަންދުކުރީ ހަމަނުޖެހުން އުފެއްދެވުމަށް އިތުރު މަސައްކަތްތަކެއް ޓްރަމްޕު ކުރައްވަފާނެކަމުގެ ނުރައްކާ އާއި ބިރު އޮތުމުން ކަމަށެވެ.
އެކައުންޓް ބަންދުކުރުން ޓްރަމްޕު ވަނީ އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހާއްސަކޮށްފައިވާ ޓުވިޓާ އެކައުންޓުން ޓުވީޓްތަކެއް ކުރައްވާފަ އެވެ. ޓުވިޓާއިން އޭގެ އިރުކޮޅެއް ފަހުން އެ އެކައުންޓް ވެސް ވަނީ ބްލޮކްކޮށްފަ އެވެ. މީގެ އިތުރުން ޓްރަމްޕް ކެމްޕޭންގައި ބޭނުންކުރެއްވި ޓީމް ޓްރަމްޕް އެކައުންޓް ވެސް ބްލޮކް ކޮށްފަ އެވެ.
ރައީސްގެ ރަސްމީ އެކައުންޓް ކުރެއްވި ޓުވީޓްތަކުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ޓުވިޓާއިން ހިޔާލު ފާޅުކުރުމަށް ހުރަސް އަޅަމުން އަންނަ ކަމަށެވެ. އަދި އެކަން ކުރީ ޑިމޮކްރެޓުންނާ ގުޅިގެން އޭނާގެ އަޑު ކަނޑުވާލުމަށްކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އަދި ޓުވިޓާއާ ވާދަކުރަން އެހެން ޕްލެޓްފޯމެއް ހައްދަވާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ކުރައްވާފައިވެ އެވެ.