ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވުމާ ގުޅިގެން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށައަޅުއްވައިފި އެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ފައިރޫޝް ދެން އިސްތިއުފާ ދެއްވަން ޖެހޭނީ އާ ގާނޫނުގެ ދަށުންނެވެ. އަދި ފުލުހުންގެ އާ ގާނޫނު އެކުލަވާލައި ތަސްދީގުކުރައްވާފައި ވަނިކޮށް، އެ ގާނޫނަށް އަމަލު ކުރައްވަން ނުފައްޓަނީސް އިސްތިއުފާ ނުދެއްވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ތަސްދީގު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރާތާ ތިން މަސްދުވަހުގެ ތެރޭގަ އެވެ. އަދި ފައިރޫޝް ރިޓަޔާކުރެއްވީ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.

ފައިރޫޝް ރިޓަޔާ ކުރެއްވުމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވުމަށްފަހު މިއަދު ފައިރޫޝް ރިޓަޔާ ކުރައްވާފައިވާ ކަމަށާއި، އެ މުއްދަތުގައި ކުރައްވާފައިވާ ޚިދުމަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ފައިރޫޝް އަށް ކާމިޔާބީއަށް އެދޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ފައިރޫޝް ރިޓަޔާކުރެއްވި ދުވަހު ކޭކުފަޅުއްވާ ނެންގެވި ފޮޓޯތަކާއެކު ޓުވީޓުކުރުމުން ރައީސް ނަޝީދު ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާ ޓުވީޓް ކުރައްވާފަ އެވެ.

ސީޕީގެ ޓުވީޓަށް އެންމެ ފުރަތަމަ ރައްދު ދެއްވީ ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުންނެވެ. އެލެކްސް އަހުމަދުގެ ނަމުގައި އެމަނިކުފާނު ވިދާޅުވީ "ބަޣާވާތަށް ވެސް ޝުކުރު އަދާކުރެއްވިންތޯ އެވެ." މީގެ އިތުރުން އެމްޑީޕީގެ އިސްބޭފުޅުން ސީޕީގެ އަމަލު ސިފަކުރެއްވީ ލަދުވެތި އަމަލެއް ގޮތުގަ އެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އެކަމާ ނުރުހުން ފާޅުކުރެއްވިޔަސް ރައީސް ސާލިހު ވަނީ ފައިރޫޝްގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާ ތައުރީފު ކުރައްވާފަ އެވެ.

ފައިރޫޝްއަކީ ފެބްރުއަރީ 7 ގެ "ބަޣާވާތުގެ" ބައިވެރިއެއް ކަމަށް ބުނެ އެމްޑީޕީގެ އިސްބޭފުޅުންނާއި ސަޕޯޓަރުން އަބަދުވެސް އިނގިލި ދިއްކުރާ ބޭފުޅެކެވެ. އަދި އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ސޯޝަލް މީޑިއާގައި އޭނާއަށް ފުރައްސާރަކޮށް އެމްޑީޕީގެ އެކްޓިވިސްޓުންނާއި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން އެކި ކަހަލަ ވާހަކަތައް ވެސް ދައްކާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ފަރުމާ ކުރެވިފައި އޮތީ ފެބްރުއަރީ 7 ގެ ވެރިކަން ބަދަލުވި ދުވަހުގެ ހިނގި ކަންތައްތަކުގައި ބައިވެރިވި ފުލުހުން މަގާމުން ވަކިކުރެވޭ ގޮތަށެވެ.