މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ އާމްދަނީއަށް ވުރެ އިތުރަށް 13 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން މިދިޔަ ހަފުތާގައި އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ޚަރަދުގެ ގޮތުގައި 27 ބިލިއަން ރުފިޔާ ހޭދަކުރިއިރު، އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 14 ބިލިއަން ރުފިޔާ އެވެ. އެއާއެކު ދައުލަތުގެ ދަރަނި ވަނީ 13 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ދައްކާ ގޮތުން ޑިސެމްބަރު 31 ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.5 ބިލިއަން ރުފިޔާ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 9.6 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
ދައުލަތަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 14.5 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 10.6 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 3.1 ބިލިއަން ރުފިޔާ އެވެ. މިއީ ވެސް 2019 ވަނަ އަހަރާ އަޅާބަލާއިރު 5.9 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބިފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 3.4 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 853 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 301 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 2.05 ބިލިއަން ރުފިޔާ ހިމެނެ އެވެ. އަދި ޖީއެސްޓީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.
މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ބީޕީޓީގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ އެގޭ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ބީޕީޓީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 349 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. އޭގެ އިތުރުން ޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 279 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.