މާ ބޮޑަށް ފަލަވާ ކަމުގެ ޝަކުވާއަކީ މިހާރަކަށް އައިސް ވަރަށް ގިނައިން އިވޭ ޝަކުވާ އެކެވެ. ހާއްސަކޮށް އަންހެނުންގެ ފަރާތުންނެވެ. ބައެއް މީހުންނަށް ބަރުދަން އިތުރުވަނީ ކީއްވެގެން އެނގޭއިރު ގިނަ މީހުންގެ ބަރުދަން އިތުރުވަނީ ނޭނގި ތިއްބާ، ގޯސްކޮށް ކުރެވޭ ކަމެއްވެސް ނޭނގި އެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އޮފީހުގައި މަސައްކަތް ކުރާއިރު މާ ހާސްވާފަދަ ކަންކަން ދިމާވުމަކީ އަންހެނުން ފަލަވާ ކަމެކެވެ. އެއީ ކިތަންމެ މައްޗަށް ކިޔަވައިގެން ހުރި މީހެއް ކަމުގައި ވިޔަސް އަދި އަލަށް ފަށައިގަންނަ އަންހެނަކު ކަމުގައި ވިޔަސްމެ އެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި ވަޒީފާގައި ބުރަކޮށް އުޅޭ އަންހެނުންނާއި ވަޒީފާ އަދާ ކުރާއިރު ހަމަޖެހިލައިގެން އުޅޭ މީހުންގެ ތެރެއިން ބުރަކޮށް އުޅޭ އަންހެނުން ފަލަވުމުގެ ފުރުސަތު 20 ޕަސެންޓް އިތުރެވެ.

"އޮފީހުގެ ކަންތައްތައް މާ ބުރަވުމަކީ އަންހެނުން ފަލަ ވެގެންދާ ކަމެއްކަން މި ދިރާސާއިން ވަނީ އެނގިފައި. ނަމަވެސް ފިރިހެނުންނަށް މިހެންވާކަމަކަށް ނުދައްކާ" މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ސައިންސްވެރިއަކު ބުންޏެވެ.

މިހެންވަނީ ގެތެރޭގެ މަސައްކަތްތަކާއި އޮފީހުގެ މަސައްކަތްތަށް އެކުވެ މީހާގެ ހަށިގަނޑާމެދު ފަރުވާ ކުޑަ ކުރެވި ކަސްރަތު ކުރުމާ ދުރުވެވޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.